ޚަބަރު

ޒުވާން ކުޅުންތެރިންނަށް އިތުބާރު އެބައޮތް: ޓެޑެސްކޯ


ބެލްޖިއަމްގެ ގައުމީ ޓީމުގައި ހިމެނޭ ޒުވާން އާ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާޜު އެބައޮތް ކަމަށާއި ތަޖުރިބާކާރު ކުޅުންތެރިން ނެތްތައް އެ މީހުންނަށް ފޫބެއްދޭނެކަމަށް ބެލްޖިއަމްގެ ކޯޗް ޑޮމެނިކޯ ޓެޑެސްކޯ ބުނެފި އެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ އިޓަލީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓެޑެސްކޯ ބުނެފައިވަނީ އިޓަލީ އާއި ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ކެވިން ޑެބްރޫނިއާ އާއި ފޯވަޑް ރުމެލޫ ލުކަކޫ ނެތްތައް ފޫބައްދަންތިބި ޒުވާން ކުޅުންތެރިންނަށް އެކަން ކުރެވޭނެ ކަމަށެވެ.

އަދި ބެލްޖިއަމްގައި މިވަގުތު ތިބި ޒުވާން ކުޅުންތެރިންނަކީ އެގައުމުގެ ފުޓްބޯޅައިގެ ރަން ޖީލެއްގެ ފެށުން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އިޓަލީއަށް އުފަން ޓެޑެސްކޯ ބުނެފައިވަނީ އިޓަލީ އާއި ދެކޮޅަށް އޭނާ ފުރަތަމަ ފަހަރަށް ނިކުންނައިރު އޭނާގެ ހިތުގައި އިޓަލީއަށް އޮތް ލޯބި އަބަދުވެސް ދެމި އޮންނާނެ ކަމަށާއި މިއީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ.

އިޓަލީ އާއި ދެކޮޅަށް މިރޭ ބެލްޖިއަމް ނިކުންނައިރު ނޭޝަންސް ލީގުގައި މިހާތަނަށް އެޓީމު ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެއް މެޗުންނެވެ. އަދި އިޓަލީ ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފަ އެވެ.

އިޓަލީއާއި ދެކޮޅަށް ބެލްޖިއަމް އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވަނީ އިޓަލީ އިންނެވެ.

އަނިޔާގެ ސަބަބުން މި މަހު ބެލްޖިއަމް ކުޅޭ ދެ މެޗުގައި ޑިބްރޫނިއާއަށް ނުކުޅެވޭއިރު ލުކަކޫ ވަނީ އަމިއްލަ އަށް އެދިގެން މި ދެ މެޗަށް ނެގި ސްކޮޑުން ވަކިވެފަ އެވެ. މީގެ އިތުރުން ބެލްޖިއަމްގެ އެއްވަނަ ކީޕަރު ކޯޓުއާ ވަނީ އެ ޓީމުގެ ކޯޗަކަށް ޓެޑެސްކޯ ހުއްޓާ ދެން ގައުމީ ޓީމަށް ނުކުޅޭނެކަމަށް ބުނެފައެވެ.

އަނެއްކޮޅުން މި މެޗަށް ނިކުންނައިރު އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީ ބުނެފައިވަނީ ބެލްޖިއަމް އާއި ދެކޮޅަށް ނިކުންނައިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެއީ ހުނަރުވެރި ކުޅުންތެރިން ތިބި މޮޅު ޓީމެއް ކަމަށެވެ. އަދި ފާއިތުވެދިޔަ މެޗުތަކުގައި އިޓަލީން ދެއްކިފަދަ ކުޅުމެއް މިރޭގެ މެޗުގައިވެސް ދައްކާ މެޗުން މޮޅުވާން ބޭނުންވާކަމަށްވެސް ސްޕަލޭޓީ ވަނީ ބުނެފައެވެ.