ކުޅިވަރު

"ބަޑިޖެހުމަކީ ތަރުހީބު ބޮޑު ކުޅިވަރެއް، ގޮންޖެހުމަކީ ޖާގައިގެ ދަތިކަން"


ރާއްޖޭގައި އަމާޒަށް ބަޑިޖެހުމުގެ ކުޅިވަރަކީ އާންމުންގެ މެދުގައި ވަރަށް ތަރުހީބު އޮތް ކުޅިވަރެއް ކަމަށާއި، އެހެންނަމަވެސް އެ ކުޅިވަރުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އިސްމާޢީލް ޝަފީގު ވިދާޅުވީ ތަމްރީނު ހޯދުމަށް ހުށަހަޅާ ގިނަ ކުދިންނަށް ފުރުސަތު ނުދެވެނީ ޖާގައިގެ ދަތިކަމާ ހުރެ ކަމަށެވެ. އަދި އެކަމަށް ހައްލު ލިބުނުހާ އަވަހަކަށް އެސޯސިއޭޝަނުން ރާވާ ޕްރޮގްރާމުތަކުގައި ވިހާ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިންގާ ކޮމިޓީގެ މެންބަރު ހަސަން އަބްދުލްޣަފޫރު ވިދާޅުވީ މިއީ ބަލާބެލުމަށް ފަސޭހަ ކުޅިވަރެއް ކަމަށް ފެނުނު ނަމަވެސް، މި ކުޅިވަރަކީ ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ އުނދަގޫ ކުޅިވަރެއް ކަމަށެވެ. އަދި މި ކުޅިވަރުގެ ތަމްރީންތަކުގައި ގާތްގަނޑަކަށް ގަޑިއެއް ހާއިރު އެތިލީޓުން ކޮޅަށް ހުންނަ ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ރައިފަލް ވެއްޖިއްޔާ އެއީ ފަސް ކިލޯ. ޕިސްޓޮލް ވެއްޖިއްޔާ އެއީ ވަން ކޭޖީ. އެއް ގަޑިއިރު ވަންދެން ކޮޅަށް ހުރުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ވާނެ. ސްޓާޓިންގައި ފުރަތަމަ ކަމަކަށް މެންޓަލީ ވަރަށް ޑިމާންޑިން ހައި، ޕްރެޝަރު ހޭންޑަލް ކުރަންޖެހޭނެ މުބާރާތް ތެރޭގައިވެސް. ޕްރެޝާ ހޭންޑަލް ކުރަން ދަސްނުވެއްޖިއްޔާ މުބާރާތް ތެރޭގައި ބޭނުންވާ ގޮތަށް ސްކޯކުރަން އުނދަގޫވާނެ." ހަސަން ވިދާޅުވިއެވެ.

ޝޫޓިން އެސޯސިއޭޝަނުން އަންނީ 30 އިވެންޓެއް ހިމެނޭ ގޮތަށް، ފުރަތަމަ ފަހަރަށް އާއްމުންނަށް ބައިވެރިވެވޭ ގޮތަށް "ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2024" ބާއްވަން ތައްޔާރުވަމުންނެވެ. މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީ ހިމެނޭ ގޮތަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފަވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގައެވެ.