ޚަބަރު

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުގެ ސަބަބުން ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: ހަމްޒާ


އަންނަ ނޮވެމްބަރު މަހު ރާއްޖެގައި ބާއްވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ސަބަބުން ރާއްޖެ އަދި ޚާއްސަކޮށް އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ކެނެރީފް ރިސޯޓުގެ ޑިރެކްޓަރު އަޙްމަދު ހަމްޒާ ވިދާޅުވެއްޖެއެވެ.

މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 5-11 އަށް އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓުގައެވެ. މުބާރާތް ރަސްމީކޮށް ލޯންޗުކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ އިވެންޓުގައި ވާހަކަދަކަވަމުން ހަމްޒާ ވިދާޅުވީ މި ޗެމްޕިއަންޝިޕް ކެނެރީފް ރިސޯޓުގައި ބެއްވުމަށް އެ ރިސޯޓުން މަސައްކަތްކުރަނީ އެ ސަރަހައްދުގެ ފަތުރުވެރިކަން ދިރުވައި ލިބޭ ފައިދާއަށް ވުރެ، އައްޑޫގެ ފަތުރުވެރިކަން އިސްތިހާރުކޮށް، އެ ކުރިއެރުވުމަށް ކަމަށެވެ. އަދި މިއީ ވަޅުޖެހިފައިވާ އައްޑޫ އަދި ކެނެރީފްގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަށްވެސް ވިދާޅުވިއެވެ.

"މި މުބާރާތުގައި ވާދަކުރާ ކޮންމެ ކުޅިވަރު ކުޅުންތެރިއަކީ ސެލެބްރިޓީއެއް. އޭނާގެ މީސްމިޑިއާ މަންސަތަކުން ދާނީ ރާއްޖެ، އައްޑޫ އަދި ކެނެރީފް, ބޭރު ދުނިޔެއަށް އިސްތިހާރު ކުރަމުން. މިކަމުގެ ސަބަބުން ރާއްޖެ، އައްޑޫ އަދި ކެނެރީފް އިތުރަށް އިސްތިހާރުވުމަށް އިތުރަށް ފުރުސަތު އެބަލިބޭ." ހަމްޒާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުޅިވަރުގެ ފަތުރުވެރިކަން ކުރިއަރުވަން މިފަދަ މުބާރަތްތައް ބޭއްވުން މުހިންމުކަން ފާހަގަކުރައްވަމުން ހަމްޒާ ވިދާޅުވީ މިފަދަ ގިނަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރަތްތައް ބޭއްވުމަށް ރާއްޖެ އާއި، އައްޑޫ އަދި ކެނެރީފް އޮތީ އަބަދުވެސް ހުޅުވިފައި ކަމަށެވެ. އަދި މިކަމަށް ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅުއްވަމުންގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ މުބާރާތުގައި ޖުމްލަ 55 ގައުމަކުން 500 އަށްވުރެ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރާ ކުޅިވަރު މުބާރާތެވެ.