ޚަބަރު

އެލިސަންއަށް އަނިޔާވެ، މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް


ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާއަށް އަނިޔާވެ، މަހެއްހާ ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ އެލިސަންއަށް އަނިޔާވީ، މިދިޔަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައެވެ. އެލިސަންގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު މި އަނިޔާގެ ސަބަބުން އެ މެޗުގެ 79 ވަނަ މިނެޓުގައި ވަނީ ބަދަލުކޮށްފައެވެ. އެ މެޗުގައި އެލިސަންގެ ބަދަލުގައި ކުޅެން ނިކުތް ވިޓެސްލާވް ޔަރޯސް ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

އެލިސަންއަށް ލިބުނު މި އަނިޔާގެ ސަބަބުން، ހުރިހާ މުބާރާތެއް ހިމެނޭގޮތަށް ލިވަޕޫލަށް ކުރިއަށް އޮތް ހަތް މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. އޭގެތެރޭގައި ލީގުގައި އެ ޓީމަށް ކުރިއަށް އޮތް ޗެލްސީ އާއި، އާސެނަލާއި، ބްރައިޓަން އަދި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރްބީ ލައިޕްޒީގާއި، ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅެންޖެހޭ މެޗުތަކުގައިވެސް އޭނާއަށް ނުކުޅެވޭނެއެވެ. އަދި މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގައިވެސް އެލިސަންއަށް ނުކުޅެވޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ލިވަޕޫލްގެ ގޯލު ބަލަހައްޓާނީ ކެއޮމީން ކެލެހާއެވެ. ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި ހުމުގެ ސަބަބުން ކެލެހާ ކުޅެފައެއް ނުވެއެވެ. ނަމަވެސް މިހާރު ކެލެހާ ވަނީ ފިޓްވެ، އިންޓަނޭޝަނަލް ބްރޭކުގައި އަޔަލަންޑުން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ބައިވެރިވުމަށް އެ ޓީމާ ގުޅިފައެވެ.

މި ފަހަރުގެ ސީޒަނުގައި ކެލެހާ ވަނީ މިހާތަނަށް ލިވަޕޫލަށް ދެ މެޗު ކުޅެދީފައެވެ. އެއީ މިދިޔަ މަހު ލީގުގައި ބޯންމަތާ ދެކޮޅަށް ކުޅުނު މެޗާއި، އިނގިރޭސި ލީގު ކަޕުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ލިވަޕޫލް އެއްވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތްއިރު، ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ އާސެނަލެވެ. ލިވަޕޫލަށް ދެން އެންމެ އަވަހަށް އޮތީ މި މަހުގެ 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.