ޚަބަރު

ޖޯންސް އާއި ލިވްރަމެންޓޯ އިނގިރޭސި ސްކޮޑަށް


ޔުއެފާ ނޭޝަންސް ލީގުގައި އިންގްލަންޑުން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ލިވަޕޫލްގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އާއި، ނިއުކާސަލް ޔުނައިޓެޑްގެ ފުލްބެކް ޓީނޯ ލިވްރަމެންޓޯ ސްކޮޑަށް އިތުރުކޮށްފައިވާ ކަމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ޖޯންސް ވަނީ އިނގިރޭސި އެކި އުމުރުފުރާގެ ޓީމުތަކުގައި އެ ޓީމަށް ކުޅެފައެވެ. އަދި ޖޯންސް ވަނީ ނިމިދިޔަ އަހަރު ކުރިއަށްދިޔަ 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނިފައެވެ. އޭނާ އެންމެ ފުރަތަމަ އިނގިރޭސި ސީނިއާ ޓީމުގެ ސްކޮޑުގައި ހިމެނުނީ މިދިޔަ މެއި މަހުގައެވެ. ނަމަވެސް މިހާތަނަށް އެންމެ މެޗެއްވެސް ކުޅެފައެއްނުވެއެވެ.

ލިވްރަމެންޓޯ، 21، ވެސް މިދިޔަ މަހުގެ ތެރޭގައި އިންގްލެންޑްގެ ސްކޮޑުގައި ހިމެނުނުނަމަވެސް، އަދި މިހާތަނަށް މެޗެއް ކުޅެފައެއްނުވެއެވެ.

އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން މިވަގުތު އަނިޔާގެ ސަބަބުން އެހެން ކުޅުންތެރިންނާ ވަކިން ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާއިރު، ކުރިއަށް އޮތް މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރާނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު، ޖޯން ސްޓޯންސް އެވެ. ކޭންގެ ކްލަބު ބަޔާން މިއުނިކުން އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާ ސީރިއަސް ނޫން ނަމަވެސް، ކުރިއަށް އޮތް މެޗުގައި އޭނާ އަށް ނުކުޅެވޭނެކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

އިންގްލެންޑް ޓީމުގައި މިވަގުތު އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކުޅުންތެރިންގެ ތެރޭގައި، ކޮބީ މައިނޫ، މޯގަން ގިބްސް-ވައިޓް އާއި އެޒްރީ ކޮންސާ އަދި ޖެކް ގްރީލިޝް ހިމެނެއެވެ.

ލީ ކާސްލީގެ އިރުޝާދުގެ ދަށުން، ކުޅެމުންއަންނަ އިންގްލެންޑުން އެންމެ ފުރަތަމަ އަމިއްލަ ދަނޑުގައި ނިކުންނާނީ ގްރީސްއާ ދެކޮޅަށެވެ. އެއަށްފަހު، ރަށުން ބޭރުގައި އެ ޓީމުން ނިކުންނާނީ ފިންލެންޑާ ދެކޮޅަށެވެ.