ޚަބަރު

ދީނީ އެކިއެކި ދާއިރާތަކުން އިލްމީ ދިރާސާކުރުމަށް އެއްބަސްވުމެއް


  • މިއެއްބަސްވުމުގެ ދަށުން ދީނީ، ޢިލްމީ މަސައްކަތްތަކެއް ކުރެވޭނެ

  • މުޖުތަމަޢުގައި އޮޅުންއަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަނެވޭނެ

  • މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި ޢިލްމީ މަސައްކަތްތައް ކުރެވޭނެ

ދީނީ އެކިއެކި ދާއިރާތަކުން އިލްމީ ދިރާސާކުރުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ މަޤުޞަދަކީ، ދެ އިދާރާ ގުޅިގެން ދިވެހި މުޖުތަމަޢަށް ބޭނުންވާ އެކިއެކި ދީނީ، ޢިލްމީ ދިރާސާތައް ކުރުމާއި، ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ދިރާސާތަކާއި ޢިލްމީ މަސައްކަތްތައް ކުރުންކަމަށެވެ.

އެވުޒާރާއިން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ދިވެހި މުޖުތަމަޢަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމުކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމަޢުގައި އޮޅުންއަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަނެވޭނެކަމަށެވެ. އަދި ޢިލްމީ ދިރާސާކުރުމާއި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، ޢިލްމީ މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ.

މިއެެއްބަސްވުމުގެ ދަށުން އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ ދާއިރާތަކުގެ ތެރޭގައި ކަނޑައެޅޭ ދާއިރާތަކަކުން ޢިލްމީ ދިރާސާތައް ކުރުމާ އެކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގުމާއި ދިރާސާތައް ކުރުމުގެ ބޭނުމަށްޓަކައި، ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ޙިމާޔަތް ކުރުމަށާއި، ދީނުގެ މެދުމިނުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ މުޖުތަމަޢުގައި ދިނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި ޢިލްމީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުމާއި ޢިލްމީ ފޮތްތައް އެކުލަވާލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވެދިނުމުގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްވުން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުމުގައި އެހީތެރިވުމާއި އަދި މުޖުތަމަޢުގައި ދީނީ އަދި ޤައުމީ ލޯބި އުފެއްދުމުގެ މަޤުޞަދު ޙާޞިލު ކުރުމުގައި އެއްބާރުލުން ދޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވީ ފަތުވާ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމްއެވެ.