ޚަބަރު

އުޒްބެކިސްތާން އަތުންވެސް ރާއްޖެއަށް ނާކާމިޔާބު


ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ހަތަރުވަނަ މެޗުގައި އުޒްބެކިސްތާން އަތުންވެސް ބަލިވެއްޖެއެވެ.

ހަ ގައުމު ވާދަކުރާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ. މުބާރާތް ކުރިއަށްދަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ހަތަރުވަނަ މެޗުގައި މިއަދު އުޒްބެކިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އުޒްބެކިސްތާނުން ގެންދިޔައީ 25-12، 25-10 އަދި 25-16 އިންނެވެ. މި މެޗުން ރާއްޖެ ބަލިވިއިރު، މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ތުރުކުމެނިސްތާން އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ވަނީ ސީދާ ތިން ސެޓުން ލަންކާ އަތުން ބަލިވެފައެވެ. އަދި ތިންވަނަ މެޗުގައި ނޭޕާލް އަތުންވެސް ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ.