ޚަބަރު

އޭޝިއަން ޗެމްޕިއަންޝިޕް: ފުރަތަމަ ބުރުގައި ރާއްޖޭގެ ޕެއާތަކަށް މޮޅެއް


ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ކުރިއަށްދާ 27 ވަނަ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއަން ޗެމްޕިއަންޝިޕުގެ ޑަބަލްސް އިވެންޓުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުތަކުން ރާއްޖޭގެ މޫސާ މުންސިފް އަޙްމަދާއި މުޙައްމަދު ޝައްފާންގެ ޕެއާ އަދި ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ މޮޅުވެއްޖެއެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ފިރިހެން ޑަބަލްސް ބައިގައި އިއްޔެ ކުޅުނު މެޗުން މުންސިފާއި ޝައްފާންގެ ޕެއާ މޮޅުވީ އިރާންގެ ބެންޔަމީން ފަރާޖީ އާއި ސޮހްރާބީ މުހައްމަދު ޖަވާދުގެ ޕެއާ އަތުން ފަހަތުން އަރައި ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު އިރާނުގެ ޕެއާއިން ގެންދިޔައީ 12-14 އަދި 7-11 އިންނެވެ. އެކަމަކު މުންސިފާއި ޝައްފާންގެ ޕެއާ މޮޅުވީ ދެން ކުޅުނު ތިން ސެޓު 11-9، 11-7 އަދި 11-7 އިން ކާމިޔާބުކޮށްގެންނެވެ. ފިރިހެން ޑަބަލްސްގެ ދެވަނަ ބުރުގައި މުންސިފާއި ޝައްފާންގެ ޕެއާ މާދަމާ ނުކުންނާނީ ޗައިނާގެ ލިން ގަޔޮއާން އާއި ލިން ޝިޑޯންގްގެ ޕެއާއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސްގައި ރާއްޖޭގެ އަޚްޔާރު އަޙްމަދާއި ޒީކް ހަސަން ލަތީފްގެ ޕެއާވެސް ވަނީ ވާދަކޮށްފައެވެ. އެކަމަކު ފުރަތަމަ ބުރުން އެ ޕެއާ ވަނީ އިރާނުގެ އަލަމިޔާން ނޯޝާދާއި މުސާވީ ތަހޭދު މުޙައްމަދުގެ ޕެއާ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-5، 11-5 އަދި 11-2 އިންނެވެ.

މި މުބާރާތުގެ އަންހެން ޑަބަލްސް ބައިގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ދީމާ އާއި ރަފާގެ ޕެއާ މޮންގޯލިއާގެ ބަލްޖިންޔާމް އާއި އެގްޝިގިއެންގެ ޕެއާ އަތުން ތިން ސެޓު އެއް ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ދީމާ އާއި ރަފާގެ ޕެއާއިން ގެންދިޔައީ 11-7 އަދި 11-9 އިންނެވެ. އެކަމަކު ތިންވަނަ ސެޓު މޮންގޯލިއާގެ ޕެއާއިން ވަނީ 11-9 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ދީމާ އާއި ރަފާގެ ޕެއާ ވަނީ ހަތަރުވަނަ ސެޓު 11-7 އިން ގެންގޮސް، މި މެޗުން މޮޅުވެފައެވެ. މުބާރާތުގެ ދެވަނަ ބުރުގައި ދީމާ އާއި ރަފާގެ ޕެއާ މާދަމާ ނުކުންނާނީ ހޮންގް ކޮންގުގެ ވިންގް ލަމް އާއި ޒޫ ޒެންގްޒޫގެ ޕެއާއާ ދެކޮޅަށެވެ.

އަންހެން ޑަބަލްސްގައި ހިމެނޭ ރާއްޖޭގެ މިޝްކާ އިބްރާހީމާއި ލައިސާ ފަތުހުﷲ ގެ ޕެއާއަށް ވަނީ ގުރު ނެގިއިރުވެސް، ދެވަނަ ބުރުން ފުރުސަތު ލިބިފައެވެ.

މީގެ އިތުރުން މި މުބާރާތުގެ މިކްސް ޑަބަލްސްގައި ރާއްޖޭގެ އަޚްޔާރު އާއި ދީމާގެ ޕެއާ ބަލިވީ މެލޭޝިއާގެ ވަން ސިން ޑެނީ އާއި ލި ޔިންގެ ޕެއާ އަތުން ތިން ސެޓު އެއް ސެޓުންނެވެ. އަދި މުންސިފާއި ރަފާގެ ޕެއާ ބަލިވީ ތައިލެންޑުގެ ތަމްމަތިކޮމް ނަޕަތު އާއި ސަވަދެބަތު ސުޕަސިނީގެ ޕެއާ އަތުން ސީދާ ތިން ސެޓުންނެވެ.