ޚަބަރު

ކާވާ ވޮލީބޯލް ޗެލެންޖް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު އުޒްބެކިސްތާނަށް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އުޒްބެކިސްތާނަށް ފުރައިފިއެވެ.

ކާވާ ވޮލީބޯލް ޗެލެންޖް ކަޕް ކުރިއަށްދާނީ މި މަހުގެ 18 އިން 24 އަށް އުޒްބެކިސްތާނުގެ ޓަޝްކެންޓުގައެވެ. މި މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ތަޖިކިސްތާނާއި، ތުރުކުމެނިސްތާން އަދި އަފްޣާނިސްތާނެވެ.

މުބާރާތުގައި ވާދަކުރުމަށާއި، ތަމްރީނުތައް ކުރިއަށްގެންދިޔުމަށް ގައުމީ ޓީމު އުޒްބެކިސްތާނަށް ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ހަފުތާއެއް ކުރިން ޓީމު އުޒްބެކިސްތާނަށް ފުރިއިރު، މުބާރާތުގެ ކުރިން އެ ގައުމުގެ ކުލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ ހަތަރު މެޗެއް ކުޅޭނެ ކަމަށް ވީއޭއެމް އިން މައުލޫމާތުދެއެވެ.
ކާވާ ވޮލީބޯލް ޗެލެންޖް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު އުޒްބެކިސްތާނަށް ފުރިއިރު، އިއްޔެ ހަވީރު ވަނީ ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ. ޓީީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް ހުޅުމާލޭ ސިންޓެޓިކް ޓްރެކުގެ ވީއައިޕީ ރޫމުގައި ބޭއްވި ހަފުލާގައި ކުޅިވަރާ ބެހޭ ވަޒީރު ރާފިޢުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލާއި، ކާވާ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. އަދި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝަރަފެވެ. ޝަރަފްގެ ދަށުން މަސައްކަތް ކުރަން ހަމަޖައްސާފައިވަނީ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އަޙްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އަބްދުﷲ ޖުނައިދެވެ.