ޚަބަރު

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކްރިއޭޓިވް އިކޮނޮމީ ފަންޑު ހުޅުވާލައިފި


  • މި ފަންޑުގެ ތެރެއިން 4 ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭނެ

  • ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެ

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ކްރިއޭޓިވް އިކޮނޮމީ ފަންޑުން އެހީ ހޯދުމަށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެކެވެ. މި ސްކީމުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށް ކަނޑައަޅާފައިވާ އުޞޫލުގެ ދަށުންނެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މި ފަންޑަށް ކުރިމަތިލުމުގެ ހުޅުވާލާފައިވާއިރު 4 ދާއިރާއަކުން އެހީ ދޭނެއެވެ. އެއީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުމުގެ ދާއިރާއިންނެވެ. މިގޮތުން މި ފަންޑުގެ ތެރެއިން 50،000ރ. އިން ފެށިގެން 300،000ރ. އާއި ހަމައަށް އެހީ ދޭނެއެވެ.

ބީސީސީން ވިދާޅުވީ މި ފަންޑަށް ކުރިމަތިލާ ކޮންމެ ފަރާތަކީވެސް ކުދި ވިޔަފަރީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތެކަށް ވާން ޖެހޭ ކަމަށެވެ. އަދި ރެޖިސްޓްރީ ނުކޮށް ހިންގާ ނަމަ، ބީސީސީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ބީސީސީން ވިދާޅުވީ މި ފަންޑުގެ އެހީއަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް އެކަމަށް ހާއްސަ ފަންޑު ކޮމެޓީއެއް މިހާރު ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި ވަކިވަކި ޕްރޮޖެކްޓުތަކަށް އެހީވެވޭ ގޮތަށް ހުޅުވާލާ ފަންޑުގެ އެހީތެރިކަން ފޯރުކޮށްދޭނީ އެހީއަށް އެދޭ ތަރުތީބުން ކަމަށްވެސް ބީސީސީން ވިދާޅުވެއެވެ. މީގެއިތުރުން ފަންޑުގެ އެހީތެރިކަން ފަނޑަށް އެއިރަކު ކަނޑައެޅިފައިވާ އަދަދަކަށް ރިޢާޔަތްކޮށް އަބަދުވެސް ލިބޭނެކަމަށް ބީސީސީން ފާހަގަކުރެއެވެ.

ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ، މި ފަނޑަށް ކުރިމަތިލާ ފާރަތްތަކަށް ބީސީސީގެ ފަރާތުން އިންކިއުބޭޝަން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ބީސީސީގެ ފަރާތުން ފޯރުކޮށްދޭ އިންކިއުބޭޝަން ޚިދުމަތަކީ ވިޔަފާރިތައް ނުވަތަ ހުށަހަޅާ ވަކި މަސައްކަތެއް ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޭ ޚިދުމަތެކެވެ. އެގޮތުން މި ޚިދުމަތުގެ ތެރެއިން އެ މަސައްކަތެއްގެ ކުރިމަގުގެ އަމާޒުތައް ދެނެގަތުމާއި، ދިމާވާނެ ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލުކުރާނެ ގޮތްތައް ކިޔައިދީ މަސައްކަތެއްގެ ކާމިޔާބީއަށް ވާސިލްވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

"ވަރަށް ހާޢްސަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ފަންޑުގެ ތެރެއިން، ފަންޑު ކުރެވޭ މީހުންނަށް ހާއްސަ އިންކިއުބޭޝަން ޚިދުމަތެއް ބީސީސީން ފޯރުކޮށްދޭނެ. އެއީ ލާޒިމް ކަމެއް ހުށަހަޅާ ކޮންމެ ފަރާތަކީވެސް އަޅުގަނޑުމެންގެ އިންކިއުބޭޝަން ޚިދުމަތް ލިބިގަންނަން ޖެހޭނެ ފަރާތަކަށް ވުން. މީގެ ބޭނުމަކީ މި ފަންޑުގެ ތެރެއިން ފަންޑު ކުރެވޭ ކޮންމެ ފަރާތެއްގެ ޕްރޮޖެކްޓަކީ ކާމިޔާބު މަސައްކަތެއްތޯ ޔަޤީން ކުރުން " ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ސާމިހް ވިދާޅުވިއެވެ.

ބީސީސީން ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ތެރެއިން ލޯނު ލިބޭ ފަރާތްތަކަށް، މި ސިނާޢަތުގައި މިހާރު ހުރި ގޮންޖެހުންތަކަށް ބަލައި ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމުގެ ލުއިގޮތްތަކެއް އެފަރާތްތަކަށް ދޭވޭނެކަމަށް ބީސީސީން ފާހަގަކުރެއެވެ. މީގެއިތުރުން މި ފަންޑުގެ ތެރެއިން އެހީ ހޯދުމަށް ރަޙުނެއް ބޭނުން ނުވާކަމަށްވެސް ބީސީސީން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ޤާއިމްކޮށްފައިވާ މި ފަންޑު ޤާއިމްކޮށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މި ފަންޑު ފުޅާކޮށް އަންނަ އަހަރު އިތުރު ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލާނެކަމަށް ބީސީސީން ވިދާޅުވެއެވެ.