ޚަބަރު

އާސަންދައިގެ ދަށުން ބައެއް ޚިދުމަތްތައް ނުލިބުމަކީ އިސްރަށްވެހިންގެ ބޮޑު ކަންބޮޑުވުމެއް!


  • ޒަރޫރީ ބޭސް ނުލިބުމަކީވެސް އިސްރަށްވެހިންގެ އޮތް ކަންބޮޑުވުމެއް

  • ޤައުމީ އަދި ރަށު ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގައިވެސް އިސްރަށްވެހިންނަށް ޚާއްސަ ކަމެއް ނޯވޭ

  • ދޮށީ ޢުމުރުގެ މީހުންގެ ތެރޭގައި ތިބި ހުނަރުވެރިންގެ ބޭނުން އަދުގެ ޖީލު ބިނާކުރުމުގައި ނުހިފުން

ގޭގެއަށް ގޮސްގެން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމަކީ ޢުމުރުން ދުވަސްވީ މީހުންގެ ކަންބޮޑުވުމެއްކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ޤައުމީ ޔުނިވަރސިޓީއިން ރާއްޖޭގައި އިސްރަށްވެހިންނަށް އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު ދުޅަހެޔޮކަންމަތީ ދުވަސްވުމާއި ބެހޭގޮތުން ދެކޭގޮތް ބެލުމަށް މުޅި ރާއްޖެއަށް އަމާޒުކޮށް ހިނގި ދިރާސާއަކުންނެވެ.

ޤައުމީ ޔުނިވަރސިޓީން އިސްރަށްވެހިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ދިރާސާއިން އެމީހުންގެ ކަންބޮޑުވުންތަކާއި ގުޅިފައިވާ ގިނަ ކަންތައްތަކެއް ވަނީ ހާމަވެފައެވެ. މިގޮތުން އެފަރާތްތަކަށް ޚާއްސަކޮށް ލިބެންހުރި އެކި ޚިދުމަތްތައް ލިބުން ލަސްވުމާއި، ގޭގެއަށް ގޮސްގެން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތް ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމުން ލިބޭނެ ގޮތް ނެތުމަކީ އިސްރަށްވެހިންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ހަމައެއާއެކު އިސްރަށްވެހިންނަށް ޚިދުމަތްދޭނެ ޚާއްސަ ޑޮކްޓަރުންނާއި ނަރުހުން ނެތުމަކީވެސް އޮތް ކަންބޮޑުވުމެކެވެ. މީގެއިތުރުން ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މުޖުތަމަޢުގައި ހަވާސާވެފައި ތިބި ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަށް ކަމާބެހޭ ހުރިހާ ފަރާތަކުން ކޮށްފައިވާ މަސައްކަތް އެންމެ ކާމިޔާބުކަމާއެކު ތަންފީޒުވެފައިނުވާކަންވެސް މިދިރާސާއިން ވަނީ ހާމަވެފައެވެ.

ދިރާސާއިން ހާމަވި ބައެއް މުހިންމު ކަންކަން:

• ގެއިން ބޭރަށް ނިކުމެ އުޅެވޭނެ ފަދަ ރައްކާތެރި މާޙައުލެއް ނެތުން
• މުޖުތަމަޢުގައި ޢުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އިޙްތިރާމުކުރުމުގެ ސިފަތައް ނެތެމުންދިޔުން
• އިސްރަށްވެހިންގެ ތެރޭގައި ހުނަރުވެރި އެތައް ބަޔަކު ތިބެ، އެ މީހުންގެ ހުނަރު އަދުގެ ޖީލު ބިނާކުރުމުގައި ބޭނުން ކުރުމުގެ ފުރުސަތު ނެތުން
• މުޖުތަމަޢާއި ޢާއިލާތެރޭގައިވެސް ޢުމުރުން ދުވަސްވީ މީހުންގެ ބަސް ގަބޫލުނުކުރުން
• އެކުގައި ވަގުތު ހޭދަކުރުމުގެ ޘަޤާފަތެއް ރާއްޖޭގައި ނެތްކަން
• ގިނަ ގޭބިސީތަކުގައި ކުޑަކުދިންނާއި ޒުވާނުން އެކި ބާވަތުގެ ގޭމްފަދަ ގެޖެޓްސްތައް ބޭނުންކުރުމުގައި ގިނަ ވަގުތު ހޭދަކުރުން

ދިރާސާއިން ދައްކާގޮތުގައި ބޮޑެތި ސިޓީތަކުގައި ބޭރަށް ނިކުމެ ޙަރަކާތްތެރިވެލެވޭނެ އިންތިޒާމުތައް ނެތުމާއި ކައުންސިލްތަކުން ޢުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ކަންކަން އިންތިޒާމުކޮށް ނުހިންގާކަމުގެ ކަންބޮޑުވުންވެސް އެބައޮތެވެ.

ހަމައެއާއެކު ޢުމުރުން ދުވަސްވީ މީހުންނަށް އެމީހުންގެ ގާތް ރައްޓެހިންނާއި ބައްދަލުކޮށްލާ ވާހަކަދައްކާލެވޭނެ ފުރުސަތުތައް ނެތްކަމުގެ ކަންބޮޑުވުމާއި، ޤައުމީ އަދި ރަށު ފެންވަރުގައި ފާހަގަކުރާ އެކި ދުވަސްތަކުގައިވެސް ޒުވާނުންނަށާއި ކުޑަކުދިންނަށް އިސްކަންދެވޭއިރު ދޮށީ ޢުމުރުގެ މީހުން ބާކީވެފައިވާކަން އެފަރާތްތަކަށް އިޙްސާސްކުރެވޭކަން ދިރާސާއަށް ފާހަގަވެފައެވެ.

ޢުމުރުން ދުވަސްވީ ގިނަ ބަޔަކަށް އެކަނިވެރިކަން އިޙްސާސްކުރެވޭއިރު ސިއްޙަތަށް ފައިދާވާ ރަނގަޅު ކާނާ ލިބުމުގައާއި ދުޅަހެޔޮކޮށް ޙަރަކާތްތެރިވެ އުޅުމުގައިވެސް ހުރަސްތަކެއް ހުރިކަންވެސް ދިރާސާއިން ވަނީ ފާހަގަވެފައެވެ.

އެހެންކަމުން އެމީހުންނަށް ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރުމާއި އީމާންތެރިކަމާއި ދީނީ ކަންކަމުގެ މައްޗަށް ބިނާކޮށް އެކި ޙަރަކާތްތައް ހިންގައިދިނުމަށް އެދޭކަން ވަނީ ދިރާސާގައި ފާހަގަކޮށްފައެވެ.

މި ދިރާސާގައި ވަނީ އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކޮށް އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ބޭނުންވާ މުހިއްމު ކަންކަން ބަޔާންކޮށްފައެވެ.

ހުށަހަޅާ ހުށަހެޅުންތައް:

• ކޮމިއުނިޓީ ހެލްތު ސަރވިސްގެ ޚިދުމަތް ދޮށީ ޢުމުރުގެ ހުރިހާ ފަރާތަކަށް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހެދުން
• ޒަރޫރީ ބޭސްތައް އެސްޓީއޯ މެދުވެރިކޮށް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުން
• ކިޔުގައި ގިނަ ދުވަހު ނުތިބެ ނަފްސާނީ އެހީތެރިކަން ލިބޭނެގޮތް ހެދުން
• ޒަމާނީ ވަޞީލަތްތަކަށް ދޮށީ ޢުމުރުގެ މީހުން އަހުލުވެރިކުރުވުން
• ޢުމުރުން ދުވަސްވުމުން އަންނާނެ ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކަށް ހޭލުންތެރިކުރުވުން

މީގެއިތުރުން އިސްރަށްވެހިންނާ ގުޅޭ ޤާނޫނު އަވަހަށް ފާސްކޮށް ޢަމަލުކުރަން ފެށުމަށް ދިރާސާގައި ވަނީ ބާރުއަޅާފައެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން ދެކުނުގެ ރަށްތަކުން ސާމްޕަލް ނަގައިގެން އަދި އެކި ފަރާތްތަކާއި އިންޓަރވިއުކޮށްގެންނެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ދިރާސާއެއް ކުރިއަށްގެންގޮސްފައިވާއިރު 2054 ވަނަ އަހަރާއި ހަމައަށްދާއިރު ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ޢުމުރުންދުވަސްވީ މީހުން ހިއްސާކުރާނެކަމަށް އެންމެފަހުން ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާއިން ވަނީ ހާމަވެފައެވެ.