ޚަބަރު

ލީގު ބުރުގެ ފަހު މެޗުގައި ކިރްގިސްތާން އަތުންވެސް ރާއްޖެ ބަލިވެއްޖެ


ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ކިރްގިސްތާން އަތުންވެސް ބަލިވެއްޖެއެވެ.

ހަ ގައުމު ވާދަކުރާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ.

ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފަސްވަނަ މެޗުގައި މިއަދު ކިރްގިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-15، 25-21 އަދި 25-19 އިންނެވެ. މި މެޗުން ރާއްޖެ ބަލިވިއިރު، މުބާރާތުގެ ލީގު ބުރުގައި ކުޅުނު ފަސް މެޗުންވެސް ރާއްޖެބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި މިއަދު ކުޅުން އެހެން މެޗުތަކަށް ބަލާލާއިރު، ނޭޕާލުން ވަނީ ސީދާ ތިން ސެޓުން ތުރުކުމެނިސްތާން ބަލިކޮށް ފައިނަލުގެ ޖާގައެއް ހޯދާފައެވެ. އަދި ލަންކާ އަތުން އުޒްބެކިސްތާން ވަނީ ތިން ސެޓު އެއް ސެޓުން މޮޅުވެފައެވެ.

މި މުބާރާތުގެ ފައިނަލުގައި އުޒްބެކިސްތާނާއި ނޭޕާލް ބައްދަލުކުރާއިރު، ލޯ މެޑެލް މެޗުގައި ކުޅޭނީ ތުރުކުމެނިސްތާނާއި ކިރްގިސްތާނެވެ. އަދި ރޭންކިން މެޗުގައި ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.