ޚަބަރު

ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދަ ދިރުވައި އާލާކުރަންޖެހޭ: މޭޔަރު ޢާޒިމް


  • ތަޢުލީމު އުނގެނޭނެ ވަޞީލަތެއް ނެތްޒަމާނުގައިވެސް، ޤުރުއާން އުނގަންނައި ދިނުމަށް ވަރަށްބޮޑު އިސްކަމެއް ދިން

ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދަކާދަ ދިރުވައި އާލާކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

އާޒިމް މިކަމަށް އެދިވަޑައިގެންނެވީ މާލެ ސިޓީ ކައުންސިލްގެ 2 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތައި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ ​​​​މި ފަދަ މުބާރާތްތައް މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަނީ ހަމައެކަނި މާލެ ސޓީ ކައުންސިލުގެ މެންޑޭޓްގެ ތެރޭގައި މި ފަދަ މުބާރާތްތައް ބޭއްވުން ހިމެނޭތީ ނޫންކަމަށާއި މިމުބާރާތްތައް ބޭއްވުމުގައި އެއަށް ވުރެ މާ މަތިވެރި މާ މާތް މަޤުޞަދެއްވާ ކަމަށެވެ.

އެއީ ދީނަށް ލޯބިކުރާ ޖީލެއް ބިނާ ކުރުމުގައި، މާލެ ސިޓީ ކައުންސިލުން ވެސް ބައިވެރިވުންކަމަށް އާޒިމް ވިދާޅުވިއެވެ. ކީރިތި ގުރުއާން އުނގެނުމަކީ އެންމެ ގަދީމީ ޒަމާނުގައި ވެސް ދިވެހިންގެ ޢަޤީދާއާއި އާދަ ކާދައިގައި ވެސް އެންމެ ބޮޑަށް ބިންވަޅު ނެގިފައިވާ އެއް އަސާސްކަން ފާހަގަކުރައްވާ މޭޔަރ އާޒިމް ވިދާޅުވީ ތަޢުލީމު އުނގެނޭނެ ވަޞީލަތެއް ނެތުމުގެ ސަބަބުން، ތަޢުލީމު ފޯރުކޮށް ނުދެވުނު، ގަދީމީ ޒަމާނުގައި ވެސް، ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައި ދިނުމަށް ބެލެނިވެރިން ވަރަށް ބޮޑަށް އިސްކަންދިންކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުން ވެސް އަދި އަމިއްލަ ވަކި ފަރުދުން ވެސް ތަޢުލީމުގެ އެންމެ މުހިއްމު މަސްދަރެއްކަމުގައި، ހުރިހާ ޒަމާނެއްގައި ވެސް ބަލަމުންއައީ ކިރިތި ގުރުއާން އުނގަންނައިދިނުން ކަން އެނގޭކަމަށެވެ.

" މިހާރު ޒަމާންބަދަލުވެ ދުނިޔެ ތަރައްޤީ ވެފައި ވިޔަސް، ދަރިންނަށް ކީރިތި ގުރުއާން އުނގަންނައި ދިނުމަށް، ބެލެނިވެރިން ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން ޖެހޭ. ސްކޫލުން ގުރުއާން ކިޔަވައިދޭ މިންވަރަށް ވުރެ އިތުރަށް، ޤުރުއާން ކިޔަވައި ދިނުމަށްޓަކައި، ކޮންމެ ވެސް ގުރުއާން ކުލާހަކަށް ދަރިފުޅު ފޮނުވާނެ. ނޫންނަމަ ގުރުއާން މުދައްރިސަކު ގެއަށް ގެނެސްގެން ޤުރުއާން އުނގަންނައި ދޭނެ. ކުރުގޮތަކަށް ދަންނަވާނަމަ ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައި ދެއްވުމަށް ބެލެނިވެރިން ހޭލަމޭލައަށް އުޅެމުންދާ ތަން ފެނުމަކީ، އަޅުގަނޑު ވަރަށް އިޙުތިރާމާ އެކު ބަލައިގަންނަ ކަމެއް" އާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އިންސާނުން މުޖުތަމައެއްގެ ގޮތުގައި އުޅެމުން އަންނައިރު، އެ ބައެއްގެ ތެރޭގައި އާދަކޮށް ކުރަމުން އަންނަ ކަންތައް ބަދަލު ވަނީ އާދަކާދައަށްކަމަށެވެ. އެގޮތުން އެ އާދަކާދަ އެއްވުމުން އުފެދެނީ ސަޤާފަތެއްކަމަށާއި އެހެން ކަމުން އާދަކާދައާއި ސަޤާފަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ ޒަމާނާ ގުޅިގެން ބަދަލު ގެންނަންޖެހޭ ނުވަތަ ދޫކޮށްލަން ޖެހޭ ކަންތައްތައްކަމަށެވެ.

ނަމަވެސް ގަދީމީ ޒަމާނުއްސުރެއް ދިވެހިންގެ ތެރޭގައި އޮތް، ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދަކާދައަކީ، ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެއްކަމަށް މޭޔަރ ވިދާޅުވިއެވެ. އެހެން ކަމުން ކުރީ ޒަމާނެކޭ އެއްގޮތަށް، ކީތިރީ ގުރުއާނުގެ މޫރިތި އަޑުން، މިސައްތައިން ސައްތަ މުސްލިމް މުޖުތަމަޢަށް ދިރުން ގެނައުމަށްޓަކައި، ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދަކާދަ ދިރުވައި އާލާކުރުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ.