ޚަބަރު

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ދުވުމެއް ބާއްވައިފި


  • ދުވުމުގައި ގިނަ އަދަދެއްގެ ބޮޑެތި މީހުންނާއި ޒުވާނުންގެ އިތުރުން ކުޑަކުދިން ބައިވެރިވި

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ހަވީރު ދުވުމެއް ބާއްވައިފިއެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ބާއްވާ މި ދުވުން މިފަހަރުވެސް ބާއްވާފައިވަނީ "ޕިންކް ރިބަން" ނަމުގައެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އުރަމަތީގެ ކެންސަރާ ދެކޮޅު ދުވަސް ފާހަގަކުރަނީ އޮކްޓޯބަރު 19 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ މިފަހަރުގެ ދުވުމުގައި ރާއްޖޭގެ 30 ރަށަކުން ބައިވެރިވެފައިވާއިރު މާލެ ސަރަހައްދުގައި ވެސް މި ދުވުން ކުރިއަށް ދިޔަ ކަމަށެވެ. އެގޮތުން އެ ދުވަހަށް އާންމުން ހޭލުންތެރިކުރުވުމަށް ބޯޑުތަކުގައި އެކި މެސެޖްތައް ލިޔެގެން ދުވުންތެރިން ދުވުމުގައި ބައިވެރިވިކަމަށް ވިދާޅުވިއެވެ.

ޖުވޭރިއްޔާ ވިދާޅުވީ ދުވުމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މާލެސަރަހައްދުން 500 ވުރެ ގިނަ މީހުން ދުވުމުގައި ބައިވެރިވިއިރު އަތޮޅުތަކުން 1900 ވުރެ ގިނަ މީހުން ބައިވެރިވިކަމަށެވެ. މި ދުވުމުގައި ގިނަ އަދަދެއްގެ ބޮޑެތި މީހުންނާއި ޒުވާނުންގެ އިތުރުން ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

ޖުވޭރިޔާ ވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ބާއްވާ ދުވުމަށް އަބަދުވެސް އާންމުންގެ ތަރުހީބު ލިބޭކަން ފާހަގަކުރައްވާފައެވެ. އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ދުވުމަކީ ކޮވިޑުގެ އަހަރުތަކާ ނުލާ 2013 ވަނަ އަހަރު ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދުވުމެއް ކަމަށެވެ.

ކެންސަރ ސޮސައިޓީ 2012ވަނަ އަހަރު އުފައްދާފައިވާއިރު އެޖަމްޢިއްޔާގެ އަމާޒަކީ ކެންސަރާ ހަނގުރާމަކުރާ މީހުންގެ ތަޖުރިބާތައް މީހުންނާ ޙިއްޞާކުރުމާއި، މުޖުތަމަޢުގައި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ބަލި ތަޙައްމަލް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަޢުލޫމާތާއި ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީ، މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ.

އުރަމަތީގެ ކެންސަރަކީ އަންހެނުންނަށްޖެހޭ އެންމެ އާންމު ބާވަތުގެ ކެންސަރެވެ. ހަށިގަނޑުގައިވާ ސެލްތައް އެއްވެސް ކޮންޓްރޯލެއްނެތި އިތުރުވާ އިތުރުވުމަށް "ކެންސަރޭ" ކިޔައިރު، އުރަމަތީގައި ވެސް މިފަދަ ގޮތަކަށް އެއްވެސް ކޮންޓްރޯލެއްނެތި ސެލްތައް އިތުރުވާ އިތުރުވުމަކީ "އުރަމަތީގެ ކެންސަރު" އެވެ.