ޚަބަރު

ކުރިއަށްއޮތް ތިން ދުވަހުވެސް މޫސުން ގޯސް، ސަމާލުވޭ!


  • ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ

ކުރިއަށްއޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލާފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް މިރޭގެ 11:00 ޖެހުމާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަތް އޮތް 24 ގަޑިއިރު ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން އާދީއްތަ، ހޯމަ ދުވަހު އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަން ލަފާކޮށް އެ އިދާރާއިން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިވަޑައިގެންނެވިއެވެ.