ޚަބަރު

މާލެ ސަރަހައްދަށް ވައިބާރު، ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު ސަމާލުވޭ!


  • އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުގައި ވައިޖެހޭނެ

  • ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދުގައި ވައިބާރުވުމުގެ ސަބަބުން ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ނިމުނު ހަފުތާއިން ފަށައިގެން ރާއްޖެއަށް މޫސުންގޯވެ، މޫސުމާބެހޭ ޤައުމީ އިދާރާއިން އަންނަނީ އެލަރޓްތައް ނެރެމުންނެވެ. ޚާއްސަކޮށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގަ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރައިން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބްރިޖާއި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން، މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށްވުމާއެކު ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރައްވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ، ވަޔާދާފަދަ ވާރޭ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓުވެސް ވަޔާ ނުދާނެހެން ރައްކާތެެރިކޮށް އެޅުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި އުޅަނދުތަކުގެ ލައިޓުތައް ދިއްލޭތޯބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެން އުޅަނދުތައް ދުއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.