ޚަބަރު

މަގުތައް ހެދެންދެން ވަގުތީ ފެންހިންދާ ނިޒާމާއެކު ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރެވޭނެ: ވަޒީރު މުއްޠަލިބް


  • މާލޭގެ 5 ސަރަހައްދެއްގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުން ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވެންދެން މިހާރު ގާއިމުކުރަމުންދާ ވަގުތީ ފެންހިންދާ ނިޒާމާއެކު ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ ތިން ސަރަހައްދެއްގައި މިހާރު ގާއިމުކޮށްފައިވާ ވަގުތީ ފެންހިންދާ ނިޒާމުތައް ބޭނުންކުރަން ފެށުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަގުތީ ފެންހިންދާ ނިޒާމު ބޭނުންކުރަން ފެށުމުން އެ ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަނީ ހައްލެއް ލިބިފައެވެ.

ސޯޝަލް މީޑިއާގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މާލޭގެ ހުޅަނގު ސަރަޙައްދުގައި، ޚާއްޞަކޮށް ވެސްޓް ޕާކާއި، އައި.ޖީ.އެމް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ފެން ބޮޑުވެ ޢާންމު ދިރިއުޅުމަށް ދަތިވެ، ބައެއް ގެތަކަށް ގެއްލުން ލިބޭތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ޙައްލު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވުމާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ. އެގޮތުން، މި މަޝްރޫއަކީ ދިފާޢީ ވުޒާރާއިން އިސްވެ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ބައިވެރިވުމާއެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ޙަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ނިމިފައިވަނީ ބައެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ ފަސް ސަރަހައްދެއްގައި ވަގުތީ ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް 3 ސަރަހައްދެއްގެ މަސައްކަތްވަނީ ނިމިފައެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވިގޮތުގައި މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ޙައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރެވޭނެއެވެ. އަދި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް މެއިންޓެއިންކޮށް އެ ވުޒާރާއިން ބަލަހައްޓާނެކަމަށްވެސް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ އާންމުންނަށް އޭގެ ސަބަބުން ގިނަ ދަތިތަކާ ދިމާވެއެވެ. އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ޗައިނާގެ އެހީއާއެކު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.