ޚަބަރު

ޖޮކޮވިޗް އާއި ފްރިޓްޒް ޝަންގްހާއީ މާސްޓަރސްގެ ސެމީ އަށް


ޗައިނާގައި މިހާރު ކުރިއަށްދާ ޝަންގްހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ނޯވަކް ޖޮކޮވިޗް އާއި ޓޭލަރ ފްރިޓްޒް ހޯދައިފި އެވެ.

ސަރބިޔާގެ ނޯވަކް ޖޮކޮވިޗް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޗެކް ރިޕަބްލިކްގެ ޖަކުބް މެންސިކް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ހައެއް ހަތެއްގެ ނަތީޖާއަކުން ޖަކުބް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓް ހައެއް އެކެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ޖޮކޮވިޗް ވަނީ ކާމިޔާބުކޮށްފަ އެވެ.

ހަތަރު ފަހަރު މަތިން ޝަންގްހާއީ މާސްޓަރސް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ވަނީ އޭނާގެ ފުރަތަމަ އޭޓީޕީ މެޗު ޖަކުބް މެންސިކް އުފަންވުމުގެ އެއް އަހަރު ކުރިން ކުޅެފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ޖޮކޮވިޗް އާއި ދެކޮޅަށް ނިކުންނަ ޓޭލަރ ފްރިޓްޒް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ބެލްޖިއަމްގެ ޑޭވިޑް ގޮފިން އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ, އިޓަލީގެ ޔަނިކް ސިނާ އާއި ޗެކް ރިޕަބްލިކްގެ ތޯމަސް މަޗަކް އެވެ.