ޚަބަރު

ހަންގޭރީއިން ނެދަލޭންޑްސް ހިފަހައްޓައިފި


ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ހަންގޭރީ އާއި ދެކޮޅަށް ނެދަރލޭންޑްސް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.

މި މެޗު އެއްވަރުވެފައިވާއިރު ނޭޝަންސް ލީގުގެ އޭ ގެ ގްރޫޕް 3 ގައި ނެދަލޭންޑްސް މިހާތަނަށް ކުޅުނު 3 މެޗުން ލިބުނު 5 ޕޮއިންޓާއެކު އެ ޓީމު އޮތީ ދެވަނައިގަ އެވެ. ހަންގޭރީ އަށް ތިން މެޗުން ލިބިފައިވާ ދެ ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތް ޖަރުމަނަށް ތިން މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި ހަންގޭރީގެ ރޮލޭންޑް ސަލާއީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގެ 79 ވަނަ މިނިޓުގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ނެދަލޭންޑްސްގެ ޑިފެންޑަރ ވެންޑައިކްއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ ގައުމީ ޓީމަށް ކުޅެނިކޮށް ވެންޑައިކް އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

ވެންޑައިކް ދަނޑުން ފޮނުވާލިތާ ހަތަރުވަނަ މިނިޓުގައި ނެދަލޭންޑްސް އިން ވަނީ ލަނޑެއް ޖަހާ މެޗު އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ކޯޑީ ގެކްޕޯ ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ޖަގާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑެންޒެލް ޑަމްފްރައިޒް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.