ޚަބަރު

ފަހަތުން އަރާ އައިސްލެންޑް އިން ވޭލްސް އާއި އެއްވަރުކޮށްފި


ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ވޭލްސް އާއި ދެކޮޅަށް އައިސްލެންޑް ކުޅުނު މެޗު 2-2 ގެ ނަތީޖާ އަކުން އެއްވަރުވެއްޖެ އެވެ.

އައިސްލެންޑްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ބްރެނަން ޖޯންސަން ވަނީ ލަނޑެއް ކާމިޔާބުކޮށްދީ ވޭލްސް އަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ އަށާރަ މިނިޓް ފަހުން ހެރީ ވިލްސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. ހެރީ ވިލްސަން މި ލަނޑު ޖެހުމުގެ ކުރިން އޭނާ ފޮނުވާލި ބާރު ހަމަލައެއް އައިސްލެންޑްގެ ކީޕަރު ވަނީ މަތަ ކޮށްފަ އެވެ.

ވޭލްސް އިން 2-0 ގެ ލީޑެއް ނަގާފައިވީ ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުނު އައިސްލެންޑް އިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި އައިސްލެންޑް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަކަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ މެޗުގެ 69 ވަނަ މިނިޓުގައި ލޮގީ ތޮމަސޮން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އައިސްލެންޑަށް މި މެޗުގައި ކާމިޔާބު ކުރެވުނު ދެވަނަ ލަނޑަކީ މެޗުގެ 72 ވަނަ މިނިޓުގައި ލޮގީ ތޮމަސޮން އަރިމަތިން ނެގި ހުރަހެއް ވޭލްސްގެ ކީޕަރު ޑެނީ ވާޑް އަތުން ޖައްސާ ދުރަށް ފޮނުވާލަން މަސައްކަތް ކުރިވަގުތު އޭނާގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި މެޗު އެއްވަރުވުމާއިއެކު ވޭލްސް އަށް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. އަދި އައިސްލެންޑަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ތުރުކިޔޭ އާއި މޮންޓެނޭގްރޯ ރޭ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތުރުކިޔޭ ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފަ އެވެ.