ޚަބަރު

އުންޑާވްގެ ގޯލުތަކުން ބޮސްނިއާގެ މައްޗަށް ޖަރުމަން ކުރި ހޯދައިފި


ޔޫއެފާ ނޭޝަންސް ލީގުގައި ބޮސްނިއާ އާއި ދެކޮޅަށް ޖަރުމަން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.

ބޮސްނިއާގެ ޒެނީކާ ގައި ކުޅުނު މި މެޗުގައި ޖަރުމަނުން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސްޓުޓްގަރޓްގެ ފޯވަޑް ޑެނިޒް އުންޑާވް އެވެ.

އުންޑާވް ވަނީ މި މެޗުގެ 30 ވަނަ މިނިޓުގައި ބޮސްނިއާގެ ގޯލު ހުޅުވާލާފަ އެވެ. ޖަރުމަނުން 1-0 ގެ ލީޑެއް ނެގިތާ މަދު މިނިޓު ކޮޅެއްގެ ތެރޭގައި ބޮސްނިއާއަށް މެޗުގެ ނަތީޖާ އެއްވަރު ކުރަން ރަގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވަނިކޮށް އުންޑާވް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މިއީ އުންޑާވް ގައުމީ ޓީމަށް ކުޅުނު ފަސްވަނަ މެޗުގައި ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ. މި ލަނޑަށްފަހުވެސް އުންޑާވް އިތުރު ޖޯލެއް ޖެހި ނަމަވެސް މެޗުގެ ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މި މެޗުގައި ބޮސްނިއާ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޑިން ޒެކޯ އެވެ.

މި މެޗުން މޮޅުވުމާއެކު ޖަރުމަނަށް ވަނީ ގްރޫޕް 3 ގައި ކުޅުނު ތިން މެޗުން 7 ޕޮއިންޓާއެކު ގްރޫޕް އެއްވަނަ މަގާމް ލިބިފަ އެވެ. ބޮސްނިއާއަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.