ޚަބަރު

މިއަދުވެސް ކަނޑުތައް ގަދަ، ދަތުރުކުރުމުގައި ސަމާލުވޭ!


  • ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވޭ

  • ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށްފަހު ނޫނީ ދަތުރަށް ފުރުން ރައްކާތެރި ނޫން

މިހާރު ކުރަމުންދާ ވިއްސާރައިގަ ވައިގަދަވެ، ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ. މީގެއިތުރުން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާކަމެއްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު އިރުއޮއްސުމާ ހަމައަށްވެސް މުޅިރާއްޖެއަށް ވައިގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެގޮތުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި، ހުޅަނގުން ގަޑިއަކު ގާތްގަނޑަކަށް 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ވިދާޅުވެއެވެ.

އެހެންކަމުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބެލެވޭއިރު އެހެން ހިސާބުތަކުގެ ކަނޑުތައް ޢާއްމުގޮތެއްގައި ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ ފަހުގެ މަޢުލޫމާތު ހޯދުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. މިއަދު އިރު އުއްސުމާހަމައަށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށް މެޓުން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު އެންމެ ވާރަށް ވައިޖެހިފައިވަނީ ބ. ދަރަންވަންދޫއަށެވެ. އެގޮތުން ދަރަވަންދޫއަށް 65 މޭލު ބާރު މިނުގައި ވައިޖެހިފައިވާކަމަށްވަނީ ރިކޯޑުކުރެވިފައެވެ. މާލެއަށް 56 މޭލަށް އަދި ކ.ގާފަރަށްވަނީ 52 މޭލު ބާރުމިނުގައި ވައިޖެހުނުކަމަށް ރިކޯޑުކުރެވިފައެވެ. މިދުވަސްވަރު ވައިގަދަވާތީ ފުރާޅު އެއްލާލުންފަދަ ކަންކަން ހިންގުމަކީ އެކަށީގެންވާކަމެއްކަމުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން ވައު ޖަހައިގެން ފުރާޅު ހިފެހެއްޓުން ފަދަ ކަންކަން ކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ.

މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ފަހުން މޫސުން އަލިވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.