ޚަބަރު

ސަލާހުގެ އެހީގައި މިސްރުގެ ރިކޯޑް ދަމަހައްޓައިފި


އެފްރިކާ ކަޕް އޮފް ނޭޝަންސް ކޮލިފައިންގައި މުޙައްމަދު ސަލާހު ވައްދާލި ލަނޑާއެކު، މޯރިޓޭނިއާ 0-2 އިން ބަލިކޮށް، މިސްރުން ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ.

މިސްރު ހިމެނޭ ގްރޫޕް ސީ ގައި މިހާތަނަށް ކުޅުނު ތިން މެޗުން އެ ޓީމަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ދެވަނައިގައި އޮތް ކޭޕް ވާޑްގެ އިތުރުން ތިނެއްގައި އޮތް ބޮޓްސްވާނާ އަދި ފުލުގައި އޮތް މޯރިޓޭނިއާ އަށް ވެސް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިސްރުގެ ގާހިރާގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގެ ދިހަ މިނެޓުގެ ތެރޭގައެވެ. އެގޮތުން، މި މެޗުގައި މިސްރުން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާގޮތްވީ 69 ވަނަ މިނެޓުގައި ޓްރެޒެގޭ ވައްދާލި ލަނޑުންނެވެ.

މި މެޗުގައި މިސްރުން ޖެހި ދެވަނަ ލަނޑު، 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ ސަލާހު ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ކޮލިފައިންގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފުރަތަމަ ދެ މެޗުން ހޯދީ މޮޅާއެކު އިތުބާރާއެކު ފެށި ޓިއުނީޝިއާ ވަނީ އަމިއްލަ ދަނޑުގައި ކޮމޮރޯސް އަތުން 1-0 އިން ބަލިވެފައެވެ. މުޅި މެޗުގައި ވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ޓިއުނީޝިއާ އަށް ލަނޑެއްޖެހޭގޮތްނުވިއިރު، ފަހު ހާފުގައި ކޮމޮރޯސްގެ ހަމައެކަނި ލަނޑުޖަހައިދިނީ ރަފީކީ ސައިދް އެވެ.

މިއީ 2010 ވަނަ އަހަރުގެ ފަހުން ޓިއުނީސިއާ އިން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. ނަމަވެސް، ކޮލިފައިންގެ ގްރޫޕް އޭގެ އެއްވަނައިގައި އަދިވެސް އުޅެނީ ޓިއުނީޝިއާ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ކޮމޮރޯސް އެވެ.

ނައިޖީރިއާގެ ދަނޑުގައި ލީބިޔާ އަތުން އެ ޓީމަށް މޮޅުވެވުނީ މެޗު ނިމެންދަނިކޮށް، ޖަރުމަނަށް އުފަން މިޑްފީލްޑަރު، ފިސާޔޯ ޑެލޭ-ބާޝިރު ވައްދާލި ލަނޑުންނެވެ. މިއާއެކު، ގްރޫޕް ޑީ ގެ އެއްވަނައިގައި ނައިޖީރިއާ އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައި ބެނިން އޮތްއިރު، ތިނެއްގައި އޮތް ރުވާންޑާއާ ނައިޖީރިއާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ސިއެރާ ލިއޯން އަތުން އައިވަރީ ކޯސްޓްގެ ދަނޑުގައި މޮޅުވީ 4-1 އިންނެވެ. މި މެޗުގައި އައިވަރީ ކޯސްޓްގެ ދެލަނޑުޖަހައިދިނީ ކުރީން، އޭސީ މިލާނާއި ބާސެލޯނާ އަށް ކުޅެފައިވާ މިޑްފީލްޑަރު، ފްރޭންކް ކެސިއޭ އެވެ. އެ ޓީމުގެ އަނެއް ދެލަނޑުޖަހައިދިނީ ނިކޮލަސް ޕެޕޭ އާއި އުމާރް ޑިއަކީޓޭ އެވެ.

ސެނެގޯލުން 4-0 ގެ ނަތީޖާއަކުން އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ މަލާވީ ބަލިކުރިއިރު، އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ޕާޕޭ ގަޔޭ، ސަޑިއޯ މާނޭ، ބުލާއެ ޑިއާ އާއި ނިކޮލަސް ޖެކްސަން އެވެ.

ކެންޔާ އަތުން ކެމަރޫން މޮޅުވީ 4-1 އިންނެވެ. ކެމަރޫންގެ ލަނޑުތައް ޖަހައިދިނީ ވިންސެންޓް އަބޫބަކާރް، މާޓިން ހޮންގްލާ އާއި ބްރަޔާން އެމްބުއެމޯ އަދި ކްރިސްޓިއަން ބަސޮގޮގް އެވެ.

2025 ގައި ބާއްވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ 24 ޓީމުގެ ތެރޭގައި ހިމެނޭނީ 12 ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެންމެ ކުރިހޯދާ ދެ ޓީމެކެވެ. އަންނަ އަހަރުގެ މުބާރާތް ހޯސްޓްކުރާނީ މޮރޮކޯ އިންނެވެ.