ޚަބަރު

ވީއޭއާރް އޮފިޝަލަށް ފާޑުކިއުމުން ނޮޓިންހަމް ފޮރެސްޓް ޖޫރިމަނާކޮށްފި


ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އަށް ފާޑުކިޔުމުން 750،000 ޕައުންޑުން ނޮޓިންހަމް ފޮރެސްޓް ޖޫރިމަނާކޮށްފައިވާ ކަމަށް އިނގިރޭސި އެފްއޭ އިން ބުނެފިއެވެ.

ނޮޓިންހަމް ފޮރެސްޓް ޖޫރިމަނާކުރީ، ނިމިދިޔަ ސީޒަނުގައި ލީގުގައި އެ ޓީމު ކުޅުނު މެޗެއްގައި އިންސާފުކުރި ވީއޭއާރް އޮފިޝަލެއްގެ އިންޓެގްރިޓީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުންނެވެ.

ފޮރެސްޓުން އެކްސްގައި ކުރި އެ ޕޯސްޓްގައި ބުނެފައިވަނީ، ވީއޭއާރް އޮފިޝަލް، ސްޓުއާޓް އެޓްވެލްއަކީ ލޫޓަން ޓައުންގެ ސަޕޯޓަރެއް ކަމަށެވެ. އެއީ އެވަގުތު ލޫޓަން ޓައުންވެސް ރެލިގޭޝަން ސަލާމަތްވުމަށް މަސައްކަތްކުރަމުން އައި ދަނޑިވަޅުގައި، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވަޓަން އަތުން 2-0 އިން ބަލިވި މެޗުގައި ފޮރެސްޓާ ދެކޮޅަށް ޕެނަލްޓީދޭން ނިންމި ތިން ނިންމުމެއްގެ ސަބަބުންނެވެ.

ފޮރެސްޓުން ވަނީ، މެޗު އޮފިޝަލެއްގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދާފައިވާ ކަމަށް ނުވަތަ ކުޅިވަރުގެ ހުރުމަތްކެނޑޭފަދަ ކަމެއް ކޮށްފައިވާ ކަމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް މިނިވަން ކޮމިޝަނަކުން ވަނީ ފޮރެސްޓާ ދެކޮޅަށް ނިންމާފައެވެ.

އަދި، ފޮރެސްޓްގެ ފަރާތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްއާ ގުޅޭގޮތުން މައާފަށް އެދިފައިނުވުމުން އެކަމުގެ ސާފު ހެކި ހާމައަށް ފެންނަން އޮތް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، ޒިންމާދާރުކަން ކުޑަގޮތަކަށް ކޮށްފައިވާ ޕޯސްޓްގެ ޝިކާރައަކަށް އަޓްވެލް ވެފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ޕެނަލުން ވަނީ ފޮރެސްޓްގެ އަމަލުތައް ބެހެއްޓިގޮތާ މެދު އިންޒާރުވެސް ދީފައެވެ.

ފޮރެސްޓުން ބުނެފައިވަނީ، "ނިސްބަތުން ބޮޑު" މި ޖޫރިމަނާއާ ދެކޮޅަށް އިސްތިއުނާފު ކުރާނެ ކަމަށެވެ.