ޚަބަރު

ނިއުޒިލޭންޑާ ދެކޮޅަށް ކުޅޭ ޓެސްޓް މެޗުތަކުގައި އިންޑިއާގެ ވައިސް ކެޕްޓަނަކަށް ބުމްރާ ހަމަޖައްސައިފި


އަންނަ ހަފްތާގައި ނިއުޒީލެންޑާ ދެކޮޅަށް އިންޑިއާގައި ފެށުމަށް ހަމަޖެހިފައިވާ ތިން މެޗުގެ ޓެސްޓް ސީރީޒްގައި އެ ޓީމުގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި އުކުންތެރިޔާ، ޖަސްޕްރީތު ބުމްރާ ހަމަޖައްސާފައިވާ ކަމަށް ބޯޑް އޮފް ކޮންޓްރޯލް ފޯރ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ބުނެފިއެވެ.

ބީސީސީއައި އިން، ހުކުރު ދުވަހުގެ ރޭ އިޢްލާނުކުރި 15 ކުޅުންތެރިންގެ ސްކޮޑުގައި ސްޕިން ބޯލަރުންނަށް ބޮޑު އިސްކަމެއްދީފައިވާއިރު، މި ފަހަރުގެ ސްކޮޑުގައި އިތުބާރު އުކުންތެރިޔާ، މުޙައްމަދު ޝަމީ އާއި ޔާޝް ދަޔަލް ނުހިމެނެއެވެ.

އެގޮތުން، މި ފަހަރުގެ ސްކޮޑުގައި ހިމެނޭ ސްޕިން ބޯލަރުންނަށް ބަލާއިރު، ރަވީޗަންދްރަން އަޝްވިން، ރަވިންދްރަ ޖަދޭޖާ، އަކްޝަރު ޕަޓޭލް އަދި ކުލްދީޕް ޔާދަވް ހިމެނެއެވެ.

ޓެސްޓް ކްރިކެޓްގައި މޮޅު ކުޅުމެއްދައްކަމުންއައި އުމުރުން 34 އަހަރުގެ ޝަމީ، މިވަގުތު ފައިގެ ކުޑަހުޅުގެ އޮޕަރޭޝަނަކަށްފަހު ރިކަވަރީގައި އުޅޭއިރު، އޭނާ އެންމެފަހުން އިންޑިއާ އަށް ކުޅެފައިވަނީ 2023 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގައެވެ. ޝަމީ ނެތި އިންޑިއާގެ އެޓޭކް ލީޑްކުރަނީ ބުމްރާ އާއި މުޙައްމަދު ސިރާޖް އެވެ.

ނިއުޒީލެންޑާ ދެކޮޅަށް އިންޑިއާ ކުޅުމަށް ހަމަޖެހިފައިވާ މި ޓެސްޓް ސީރީޒް ފަށާނީ އޮކްޓޯބަރު 16 ގައި ބެންގަލޫރުގައެވެ. އެއަށްފަހު ދެން އޮތް މެޗުތައް ކުރިއަށްދާނީ، ޕޫނޭ އަދި މުމްބާއީ ގައެވެ.

އިންޑިއާގެ ޓެސްޓް ކްރިކެޓް ސްކޮޑް:
ރޯހިތު ޝަރްމާ (ކެޕްޓަން)، ޖަސްޕްރީތު ބުމްރާ (ވައިސް ކެޕްޓަން)، ޔަޝަސްވީ ޖައިސްވާލް، ޝުބްމަން ގިލް، ވިރާތު ކޯލީ، ކޭއެލް ރާހުލް، ސަރްފަރާޒް ޚާން، ރިޝަބް ޕަންތު (ވިކެޓްކީޕަރު)، ދްރޫވް ޖުރެލް (ވިކެޓްކީޕަރު)، ރަވިޗަންދްރަން އަޝްވިން، ރަވިންދްރަ ޖަދޭޖާ، އަކްޝަރު ޕަޓޭލް، ކުލްދީޕް ޔާދަވް، މުޙައްމަދު ސިރާޖް، އަކާޝް ދީޕް.

ރިޒާވް ކުޅުންތެރިން:
ހަރްޝިތު ރާނާ، ނިތިޝް ކުމާރް ރެޑީ، މަޔަންކް ޔާދަވް، ޕްރަސިދު ކްރިޝްނާ.