ޚަބަރު

ނަސްލީގޮތުން ދިމާކުރުމުގެ އަމަލުތަކާ ގުޅިގެން ލާޒިއޯ އާއި އެތުލެޓިކޯއަށް އަދަބުދީފި


ޔޫރަޕުގެ ކުލަބު މުބާރާތްތަކުގައި އިޓަލީގެ ލާޒިއޯ އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުގެ ސަޕޯޓަރުން ހިންގި ނަސްލީގޮތުން ދިމާކުރުމުގެ އަމަލުތަކާ ގުޅިގެން، އެ ދެ ކުލަބަށް އަދަބުދީފައިވާ ކަމަށް ޔުއެފާއިން ބުނެފިއެވެ.

އެގޮތުން ޔުއެފާ އިން ވަނީ، ޔުއެފާ ޔުރޮޕާ ލީގުގައި ނީސްއާ ދެކޮޅަށް ކުޅެ 1-4 އިން މޮޅުވި މެޗުގައި ލާޒިއޯގެ ބައެއް ސަޕޯޓަރުން ހިންގި ނަސްލީގޮތުން ދިމާކުރުމުގެ އަމަލުތަކާ ގުޅިގެން އަންނަ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އެ ކްލަބުގެ ސްޓޭޑިއަމްގެ ކަރްވާ ނޯޑުގެ ދެ ސެކްޓަރު ކަމަށްވާ، 48 އަދި 49 ބަންދުކުރެވިގެންދާނެ ކަމަށް ބުނެފައެވެ.

ޔޫރަޕްގައި ލާޒިއޯ އެންމެ ފަހުން ކުޅުނު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު އަމަލުތަކުގެ ސަބަބުން ވަނީ ގާތްގަނޑަކަށް 45،000 ޔޫރޯ (49،230 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފައެވެ. އަދި އިތުރު މެޗެއްގައި އެ ޓީމުގެ އަމިއްލަ ސްޓޭޑިއަމްގެ ބައެއް ބަންދުކޮށްގެން މެޗު ބެލުމަށްވެސް ވަނީ އަންގާފައެވެ. އަދި އެ ސްޓޭޑިއަމްގެ ބައެއް ބަންދުކުރުމުގެ އަދަބު، އެއް އަހަރު ދުވަހުގެ ޕްރޮބޭޝަން މުއްދަތެއްގެ ތެރޭގައި ހިފެހެއްޓިފައިވާނެ ކަމަށްވެސް ޔުއެފާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ބެންފިކާއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުން 4-0 ގެ ނަތީޖާއަކުން ބަލިވިއިރު، އެ ޓީމުގެ ސަޕޯޓަރުންވެސް ވަނީ "ނަސްލީގޮތުން ތަފާތުކުރުމުގެ" އަމަލުތަކެއް ހިންގާފައެވެ.

އެކަމާ ގުޅިގެން ޔުއެފާއިން ވަނީ، އެ ޓީމު 30،000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. އަދި، ޔުއެފާގެ މުބާރާތެއްގެ އަވޭ މެޗަކަށް އެ ކްލަބުގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކުން މަނާކުރުމުގެ އަދަބެއްވެސް ވަނީ ދީފައެވެ. މި އަދަބުގެ ޕްރޮބޭޝަން މުއްދަތަކީ އެއް އަހަރު ދުވަހެވެ.

މީގެ ކުރީން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ޔުއެފާ އިން ވަނީ، ޔޫރަޕްގައި ބެލްޖިއަމްގެ އެންޑަލެކްޓަށްވެސް އެ ޓީމުން ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ސަޕޯޓަރުންނަށް ޓިކެޓް ވިއްކުން މަނާކޮށްފައެވެ. އެއީ، ޔޫރަޕްގައި އަވޭ މެޗެއްގައި އެންޑަލެކްޓްގެ ސަޕޯޓަރުން ބަޑިބޭހުގެ ބޭނުންކުރުމާއެކު، ދަނޑަށް އެއްޗެހި އުކައި ގެއްލުންދީ، ހަމަނުޖެހުން އުފައްދާފައިވާތީއެވެ.