ޚަބަރު

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކައުންސިލް މެންބަރު ކަމަށް ރާއްޖޭގެ އައްޔަ


އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން (އޭޓީޓީޔޫ) ގެ ކައުންސިލް މެންބަރު ކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) އިންތިޚާބުވެވަޑައިގެންފިއެވެ.

ކަޒަކްސްތާންގައި މިއަދު ބޭއްވި އޭޝިއަން ޓީޓީ ޔޫނިއަންގެ ޖެނެރަލް އެސެމްބްލީގައި ކައުންސިލް މެންބަރު ކަމަށް އައްޔަ އިންތިޚާބުކުރައްވާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. މި އެސެމްބްލީގައި ވަނީ އޭޝިއާގެ ޓީޓީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ގަތަރުގެ ހަލީލް އަލް މުހައްނާދީވެސް އިންތިޚާބުކުރައްވާފައެވެ.

އޭޝިއަން ޓީޓީ ޔޫނިއަންގެ ކައުންސިލް މެންބަރު ކަމަށް އައްޔަ އިންތިޚާބުކުރެއްވިއިރު، މި އަހަރުގެ ޖުލައި މަހު އޭނާ ވަނީ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ.

އައްޔަ އެންމެ ފުރަތަމަ އެސޯސިއޭޝަނުގެ ރައީސްކަމާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ. އަދި ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތީ 2020 ވަނަ އަހަރުގައެވެ. އެ ފަހަރު އައްޔަ އިންތިޚާބުވީ ބޮޑު ތަފާތަކުން ތޯހާ ސަލީމް ބަލިކޮށްގެންނެވެ.

ޓީޓީ ކުޅުމުގައި ގިނަ ކާމިޔާބީތަކެއްވެސް އައްޔަ ވަނީ ހޯދާފައެވެ. އެގޮތުން 2006 ވަނަ އަހަރު ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ޓީޓީ އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމި ޗެމްޕިއަންކަން ހޯދާފައެވެ. އަދި ރިޓަޔާކުރި ފަހުން އައްޔަ ވަނީ އެސޯސިއޭޝަނުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. އަދި 2008 ވަނަ އަހަރު އެސޯސިއޭޝަނުގެ ނައިބު ރައީސްކަމުގެ ޒިންމާ އަދާކުރެއްވިއެވެ.

އައްޔަ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ހިންގާ ކޮމިޓީގެވެސް މެންބަރެކެެވެ. އަދި އޭނާ ވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި މި އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގައި ވާދަކުރި ރާއްޖެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ މަގާމުވެސް ފުރުއްވާފައެވެ.