ޚަބަރު

އޭޝިއަން ޗެމްޕިއަންޝިޕް: ސިންގަލްސް ބައިން މޮޅެއް ހޯދީ މުންސިފް އެކަނި


ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ކުރިއަށްދާ 27 ވަނަ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއަން ޗެމްޕިއަންޝިޕުގެ ފިރިހެން ސިންގަލްސްގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ މޫސާ މުންސިފް އަޙްމަދު މޮޅެއް ހޯދައިފިއެވެ.

އެގޮތުން ސިންގަލްސް ބައިގެ ފުރަތަމަ ބުރުގައި މިދިޔަ ހުކުރު ދުވަހު މުންސިފް ވަނީ ސީދާ ތިން ސެޓުން އޮމާންގެ އަލީ މުތާވާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް މުންސިފް ގެންދިޔައީ 11-4، 11-2 އަދި 11-2 އިންނެވެ. އެކަމަކު ދެވަނަ ބުރުގައި މުންސިފް ވަނީ ހޮންގް ކޮންގުގެ ލަމް ސިއު ހޭން އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މި ސެޓުތައް ދިޔައީ، 11-7، 11-6 އަދި 11-5 އިންނެވެ.

މީގެ އިތުރުން ފިރިހެން ސިންގަލްސްގެ ދެވަނަ ބުރުގައި ވާދަކޮށް ރާއްޖޭގެ މުޙައްމަދު ޝައްފާން އިސްމާޢީލް ވަނީ އުޒްބެކިސްތާންގެ އިސްކަންދަރޯވް ޝޯހްރުކް އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-8، 11-5 އަދި 11-6 އިންނެވެ.

އަދި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އަޚްޔާރު އަޙްމަދު ފުރަތަމަ ބުރުން ބަލިވީ ބަހްރެއިނުގެ ރާޝިދު އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-5، 11-4 އަދި 11-8 އިންނެވެ. ފިރިހެން ސިންގަލްސްގެ ފުރަތަމަ ބުރުގައި ދެން ވާދަކުރި ރާއްޖޭގެ ޒީކް ހަސަން ލަތީފް ވަނީ ސީދާ ތިން ސެޓުން އިރާންގެ ހޮދާއި އާމިރު އަތުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-2، 11-4 އަދި 11-7 އިންނެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސްގެ ފުރަތަމަ ބުރުގެ ބުރުގެ މެޗުތައް މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްދިޔައިރު، ރާއްޖޭގެ ހަތަރު ކުޅުންތެރިންވެސް ވަނީ ފުރަތަމަ ބުރުން ބަލިވެފައެވެ.

އެގޮތުން ފާތިމަތު ދީމާ އަލީ ވަނީ ފިލިޕީންސްގެ ފަޑޯލް ރޯސް ޖީން އަތުން ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 19-17 އިން ދީމާ ގެންދިޔަ ނަމަވެސް، ފަޑޯލް ވަނީ ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށްފައެވެ. އެ ސެޓުތައް އޭނާ ގެންދިޔައީ 11-9، 11-3 އަދި 11-6 އިންނެވެ.

ފުރަތަމަ ބުރުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިވީ މޮންގޯލިއާގެ ބަލިންޖިޔަމް އަތުން ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-11 އިން ބަލިންޖިޔަމް ގެންދިޔަ ނަމަވެސް، ރަފާ ވަނީ ދެން ކުޅުނު ދެ ސެޓު 12-10 އަދި 11-9 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ބަލިންޖިޔަމް ވަނީ ދެން ކުޅުނު ދެ ސެޓު 6-11 އަދި 11-13 އިން ގެންގޮސް، މެޗުން މޮޅުވެފައެވެ.

އަންހެން ސިންގަލްސްގައި ރާއްޖޭގެ ލައިސާ ފަތުހުﷲ ބަލިވީ ހޮންގް ކޮންގުގެ ކޮން ލަމް އަތުން ސީދާ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-6، 11-3 އަދި 11-5 އިންނެވެ. އަދި ފިލިޕީންސްގެ ކްރޫޒް ކެއިތު އަތުން މިޝްކާ މުޙައްމަދު އިބްރާހީމް ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-5، 11-5 އަދި 11-6 އިންނެވެ.