ޚަބަރު

ޗެމްޕިއަންކަން އުޒްބެކިސްތާނަށް، ރޭންކިން މެޗުންވެސް ރާއްޖެއަށް ނާކާމިޔާބު


ސްރީ ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ފައިނަލް މެޗުގައި ނޭޕާލް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އުޒްބެކިސްތާނުން ހޯދައިފިއެވެ.

ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައި ކުރިއަށްދިޔަ މި މުބާރާތުގައި ހަ ގައުމެއް ވަނީ ވާދަކޮށްފައެވެ. އެއީ ރާއްޖޭގެ އިތުރުން މުބާރާތް ބޭއްވި ގައުމު ކަމަށްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ.

އުޒްބެކިސްތާނުން ޗެމްޕިއަންކަން ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ތިން ސެޓު އެއް ސެޓުން ނޭޕާލް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ސެޓު 27-25 އިން ނޭޕާލުން ގެންދިޔަ ނަމަވެސް، އުޒްބެކިސްތާނުން ވަނީ ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް، މެޗުން މޮޅުވެފައެވެ. އެ ސެޓުތައް އުޒްބެކިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-10، 25-16 އަދި 25-20 އިންނެވެ.

މީގެ އިތުރުން މި މުބާރާތުގެ ލޯ މެޑެލް ހޯދާފައިވަނީ ތުރުކުމެނިސްތާނުންނެވެ. މިއަދު ކުޅުނު ލޯ މެޑެލް މެޗުގައި ތުރުކުމެނިސްތާނުން ވަނީ ތިން ސެޓު ދެ ސެޓުން ކިރްގިސްތާން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 25-23 އަދި 25-23 އިން ކިރްގިސްތާނުން ގެންދިޔަ ނަމަވެސް، ތުރުކުމެނިސްތާނުން ވަނީ ފަހަތުން އަރައި އަނެއް ތިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް ތުރުކުމެނިސްތާނުން ގެންދިޔައީ 25-20، 25-23 އަދި 15-13 އިންނެވެ.

މީގެ އިތުރުން މިއަދު ކުޅުނު މުބާރާތުގެ ރޭންކިން މެޗުގައި ރާއްޖެ ވަނީ ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-12، 25-20 އަދި 25-20 އިންނެވެ.