ޚަބަރު

52 ގައުމަކުން ބައިވެރިވި ޤުރުއާން މުބާރާތަކުން 3 ވަނަ ޝާޔާއަށް


  • މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ވާދަކުރި

މެލޭޝިއާގައި ބޭއްވި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ފާޠިމަތު ޝާޔާ ޒާހިރު 3 ވަނަ ހާސިލްކޮށްފިއެވެ.

ފާޠިމަތު ޝާޔާ ޒާހިރު 3 ވަނަ ހާސިލްކޮށްފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މި މަހުގެ 5 އިން 12 އަށް ކުރިއަށްގެންދިޔަ 64 ވަނަ 'މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ' (އެމްޓީއެޗްކިއުއޭ) މުބާރާތުންނެވެ. މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ބައިވެރިވެފައިވެއެވެ.

ޝާޔާ މި ހޯދި ކާމިޔާބީއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މަރުބާ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ޝާޔާ ހޯދި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ފަޚުރެއްކަމަށެވެ.

ފާޠިމަތު ޝާޔާ ޒާހިރުއަކީ މިދިޔަ އަހަރުގެ އޭޕްރީލްގައި މިސްރުގައި ބޭއްވި ގުރުއާން މުބާރާތަކުން 2ވަނަ ހޯދާފައިވާ ދަރިވަރެކެވެ. އަދި މި އަހަރު ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ހާފިޒުންގެ ބައިން އެއް ވަނަ ހާސިލްކޮށްފައި ވަނީވެސް ޝާޔާއެވެ.