ޚަބަރު

"ހުރިހާ ކުޅިވަރެއްގައިވެސް ލިމިޓޭޝަން އެބަހުރި، މިއީ އައު ތަޖުރިބާއެއް"


ރާއްޖޭގައި ކުރިއަށްދާ ހުރިހާ ކުޅިވަރެއްގައިވެސް ލިމިޓޭޝަން ހުރިކަން ފާހަގަކުރެވޭ ކަމަށާއި، އެކަމަކު ގައުމީ ބަޑިޖެހުމުގެ މުބާރާތް ވެގެންދާނީ ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް މުޅިން އައު ތަޖުރިބާއަކަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޝޫޓިން އެސޯސިއޭޝަނުން ވަނީ ފުރަތަމަ ފަހަރަށް އާއްމުންނަށް ބައިވެރިވެވޭ ގޮތަށް "ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2024" ބާއްވަން ނިންމާފައެވެ. ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު ހަސަން އަބްދުލްޣަފޫރު ވިދާޅުވީ ކުރިން އިސްކޮށް އެ ކުޅިވަރުގައި ހަރަކާތްތެރިވިއިރު، މާގިނަ ފުރުސަތުތަކެއް ލިބިފައިނުވާ ކަމަށެވެ. އަދި ކެރިއަރުގައި މިހާ ހިސާބަށް އައިރު މުބާރާތެއް ބޭއްވިފައި ނުވާއިރު، މި ފަހަރުގެ މުބާރާތް ވެގެންދާނީ މުޅިން އައު ތަޖުރިބާއަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރާއްޖޭގައި ކުޅެމުންދާ އެހެން ކުޅިވަރުތަކެކޭ ފަދައިން ބަޑިޖެހުމަކީވެސް ލިމިޓޭޝަންތައް އެކުލިވެގިންވާ ކުޅިވަރެއް ކަމަށާއި، އެހެންކަމުން އެންމެ ބޮޑަށް ބަލާނީ ގަވާއިދާ އެއްގޮތަށް މުބާރާތުގެ ކަންކަން އިންތިޒާމުކުރުމަށް ކަމަށެވެ.

"މިސާލަކަށް އަންނަ ކޮންމެ އެތުލީޓަކަށް ޕާސަނަލް ބަޑި ހުންނަން މި ޖެހެނީ. އެކަމެއް ނެތް އަޅުގަނޑަމެންނަކަށް ކުރެވޭކަށް. އެކަހަލަ ބައިވަރު ޑިފިކަލްޓީސް އެބަހުރި. ދެން ލާންޖެހޭ ޖެކެޓް މިއީ ގާތްގަނޑަކަށް ދިހަ ހާސް ނޫނީ ވިހި ހާސް ރުފިޔާ އެބައަރާ. މިއީ މިހާރު ތިބި އެތުލީޓުންނާ އަލަށް ވަންނަން ބޭނުންވާ ކުއްޖަކަށް އެފޯޑުކުރެވޭނެ އަގެއް ނޫން." ކުރިން ޝޫޓިންގެ އެތުލީޓެއްގެ ގޮތުގައި މަސައްކަތް ކުރި ހަސަން ވިދާޅުވިއެވެ.

ހަސަން ވދާޅުވީ މި ފަހަރުގެ މުބާރާތުގައި އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އާންމުންނަށް އެ ކުޅިވަރު ތައާރަފުކޮށް، އެ ކުޅިވަރު އެހެން މީހުންނަށްވެސް ދަސްވެ، ރާއްޖޭގައިވެސް އެ ކުޅިވަރުން ރަނގަޅު ހިސާބަކަށް ދެވިދާނެކަން ދައްކައިދިނުން ކަމަށެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބަޑިޖެހުމުގެ މުބާރާތުގައި 30 އިވެންޓެއް ކުރިއަށްދާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓެގަރީ އާއި ޖޫނިއާ ކެޓެގަރީ ހިމެނޭ ގޮތަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފަވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގައެވެ.