ޚަބަރު

ޑެންމާކް ބަލިކޮށް ސްޕެއިން އެއްވަނައަށް


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގު އޭގެ ގްރޫޕް ހަތަރެއްގެ އެއްވަނަ މަގާމު ސްޕެއިނުން ހޯދައިފިއެވެ.

ސްޕެއިން ވަނީ މި ގްރޫޕްގައި މިހާތަނަށް ކުޅުނު ތިން މެޗުން 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. ދެވަނައިގައި އޮތް ޑެންމާކަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ސަރބިޔާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ސްވިޒަލޭންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސްޕެއިންގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ދަނޑުގައި ވަނީ ބޮޑު ކާނިވަލެއްގެ ގޮތުގައި ސްޕެއިން އިން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާތީ އެކަން ފާހަގަކޮށް މުބާރާތުގެ ތަށި ސަޕޯޓަރުންނަށް ދައްކާލާފަ އެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށްފަހު ސްޕެއިން އިން އަމިއްލަ ގައުމުގައި މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.

ސްޕެއިން އިން ރަގަޅު ކުޅުމެއް ދައްކާ ޑެންމާކުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް މި މެޗުގައި ފޮނުވާލި ނަމަވެސް ކީޕަރު ކެސްޕަރ ޝުމައިކަލް ވަނީ މޮޅު ކުޅުމެއްދައްކާފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި ސްޕެއިން އަށް ކާމިޔާބު ކޮށްދީފައިވަނީ މާޓިން ޒުބިމެންޑީ އެވެ. މިއީ އޭނާ ސްޕެއިން ގެ ގައުމީ ޓީމަށް ކަމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ޒުބިމެންޑީ ހޯދުމަށް މިދިޔަ ޓްރާންސްފާގައި ލިވަޕޫލްއިން މަސައްކަތް ކުރި ނަމަވެސް އޭނާވަނީ އެ ހުށައެޅުން ދޫކޮށްލާފަ އެވެ.

އަންނަ އަންގާރަ ދުވަހު ސްޕެއިން އިން އަމިއްލަ ގައުމުގައި ނިކުންނާނީ ސަރބިޔާ އާއި ދެކޮޅަށެވެ. ސަރބިޔާ ވަނީ ރޭ ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.