ޚަބަރު

ބްރޯޑްކާސްޓް ކަޕް 2024 ގެ ޗެމްޕިއަން ޓީމަކީ ޕީއެސްއެމް ނިއުސް


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި "ބްރޯޑްކާސްޓް ކަޕް 2024" ގެ ޗެމްޕިއަންކަން ޕީއެސްއެމް ނިއުސް އިން ހޯދައިފިއެވެ.

ބްރޯޑްކާސްޓް ކަޕަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު ހަތަރުވަނަ ދުވަހު ފާހަގަކުރާ ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި މުބާރާތެކެވެ.

އަށް ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްއެމް ނިއުސް އިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އައިސް ޓީވީ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ހުޅުމާލޭ ފޭސް ދޭއްގެ ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕީއެސްއެމް ނިއުސް އިންނެވެ. ފުރަތަމަ ހާފުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝަފާއު އެވެ.

އަދި ދެވަނަ ހާފުގެ ކުރީކޮޅު މުޙައްމަދު އިބްރާހީމް ވަނީ ޕީއެސްއެމް ނިއުސް އަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު ލިބުނު ހިލޭ ޖެހުމަކުން އައިސް ޓީވީގެ މުޙައްމަދު ފާރިޝް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ފަހުން ޕީއެސްއެމް ނިއުސްގެ މުޙައްމަދު އިބްރާހީމް ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުން އެ ޓީމަށް މޮޅެއް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޕީއެސްއެމް ނިއުސްގެ ގޯލްކީޕަރު އިބްރާހީމް ފަޒަލް އާއި، މުޙައްމަދު އިބްރާހީމާއި، އަލީ ޝަފާއުގެ އިތުރުން އައިސް ޓީވީގެ މުޙައްމަދު ފާރިޝް އަދި މުޙައްމަދު ސަމީހެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އައިސް ޓީވީގެ މުޙައްމަދު ފާރިޝްއެވެ. އަދި މިފަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމަކީ ޓީވީއެމް އެވެ.

ބްރޯޑްކާސްޓް ކަޕުގެ މަގުސަދަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މައުލޫމާތުދެއެވެ. މި މުބާރާތް މިދިޔަ އަހަރުވެސް ބޭއްވިއިރު، އެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ޔެސް ޓީވީ އިންނެވެ.