ޚަބަރު

ނުލިބިހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފަށައިފި: ޒަރީރު


  • މީރާ މެދުވެރިކޮށް ދައުލަތަށް ނުލިބި ގާތްގަނޑަކަށް 16 ބިލިޔަން ރުފިޔާ އެބަހުރި

  • ފައިސާ ހޯދުމަށް މީރާއިންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީގެގޮތުގައި ދައުލަތަށް ނުލިބި ގާތްގަނޑަކަށް 16 ބިލިޔަން ރުފިޔާ އެބަހުރި ކަމަށް މީރާއިން ހާމަކުރެއެވެ. އަދި އެފައިސާގެތެރޭގައި ޖޫރިމަނާގެގޮތުގައި އަރާފައިވާ ފައިސާވެސް ހިމެނެއެވެ.

މީރާއިން މައުލޫމާތުދޭގޮތުގައި ޓެކްސް އާމްދަނީގެގޮތުގައި ގާތްގަނޑަކަށް 7 ބިލިޔަން ރުފިޔާ ނުލިބިވާ ކަމަށާއި ޓެކްސް ނޫން އާމްދަނީގެގޮތުގައިވެސް 7 ބިލިޔަން ރުފިޔާ ނުލިބި ހުރިކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ މީރާއަށް ނުލިބި ހުރި ފައިސާތައް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޮޑު އަދަދުތަކުން ފައިސާ ދައްކަންޖެހިފައި ހުރި ފަރާތްތަކާއި ވާހަކަދައްކައިގެން ލުއިގޮތްތަކެއް ހަމަޖައްސާދެމުންދާ ކަމަށެވެ.

ޒަރީރު ވިދާޅުވީ މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތަކަށްވުރެ އިތުރަށް ފައިސާ މީރާއަށް ލިބެމުންދަނީ މިކުރެވޭ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"ކޮންމެ މަހެއްގެ ކަލެކްޝަންއިން ފެންނަމުންދޭ، ޖުލައިމަހު ކުރިން ޕްރޮޖެކްޓުކުރި ވަރަށްވުރެ %15 އިތުރަށް، އޮގަސްޓުމަހު %33 އިތުރަށް، ސެޕްޓެމްބަރުމަހުވެސް %31 އިތުރަށް ރެވެނިއު ކަލެކްޓުކުރެވިފައިވޭ،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ކޯވިޑާއި ގުޅިގެން ޓެކްސް ދެއްކުމަށް ދެވުނު ލުއިތަކާއެކު ގަވާއިދުން ޓެކްސް ދެއްކުމުގެ ސަގާފަތަށް ބަދަލުތަކެއް އައި ކަމަށެވެ. އަދި ޓެކްސް ދެއްކުމަށް ހަނދާންކޮށްދީ ބައްދަލުކޮށް، މީރާއިން ކުރަމުންދާ މަސައްކަތްތަކުގެތެރެއިން 80 ފަރާތަކާއެކު ބައްދަލުވުންތައް ބާއްވާފައިވާކަމަށެވެ.

"3 މަސް ދުވަސްތެރޭ 37000 ނޯޓިސް ފޮނުވާފައިވޭ، 2000އެއްހާ މީހުންނަށް ވަކިން ގުޅާފައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީފައިވޭ، ރިމައިންޑަރ އެސްއެމްއެސްގެގޮތުގައި 55000އަށްވުރެ ގިނަ ފަރާތަށް ފޮނުވިފައިވޭ، ވަރަށް ބުރަ ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެވެމުންދޭ، ފެސިލިޓޭޓުކޮށްގެން ފައިސާ ދެއްކޭނެ ގޮތްތައް މި ހަދާދެނީ،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ޓެކްސް ނުދައްކާހުރި ފަރާތްތަކުގެތެރެއިން %80 މީހުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް %20 މީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށެވެ.

އަދި ޓެކްސް ނުދައްކާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް ގަވާއިދާއި ޤާނޫނުގެތެރެއިން އަޅަމުންދާނެ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

މީރާއިން ދަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ޚާއްސަ އުސޫލެއްގެ ތެރެއިން ހާމަކުރަމުންނެވެ. އެގޮތުން މިދިޔަމަހުގެތެރޭގައިވަނީ ބޮޑެތި ޢަދަދުތަކުން ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ގޮތުގައި މީރާއިން ގިންތިކޮށްފައިވާ ފަރާތްތަކުގެތެރެއިން ޓެކްސް ނުދައްކާ 43 ފަރާތެއްގެ ނަން ހާމަކޮށްފައެވެ. ނަން އާއްމު ކުރި ފަރާތްތަކަކީ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވެފައިވާ ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅުން ހުރި ފަރާތްތައްކަމަށް މީރާއިން ވިދާޅުވެއެވެ.