ޚަބަރު

ސައުދީ ކުޅުންތެރިން މާޒީގެ މައްޗަށް ބަރޯސާވެ ނުތިބެ މަސައްކަތްކުރޭ: މަންޗިނީ


ސައުދީ އަރަބިއްޔާގެ ކުޅުންތެރިން އިހުގެ ކާމިޔާބީތަކުގެ މައްޗަށް ބަރޯސާވެ ނުތިބެ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ގޮވާލައިފިއެވެ.

ކޮލިފައިންގައި ސަޢުދީ އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ޖިއްދާގައި ކުޅުނު މެޗުގައި ޖަޕާން އަތުން 2-0 އިން ވަނީ ބަލިވެފައެވެ.

ސަޢުދީ އިން ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕްގައި ވާދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި ފަހަރުގެ ކޮލިފައިންގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތްވެފައިނުވާއިރު، ދެ އަހަރު ފަހުން އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އޮންނަ ވޯލްޑް ކަޕުން ޖާގައެއް ހޯދުމަށްޓަކައި މާޒީގައި ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ބަރޯސާވެ ނުތިބުމަށް މަންޗިނީ ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް އިންޒާރުދީފައެވެ.

"އަހަރެމެންނަކީ މާޒީއާ މެދު ވިސްނައިގެން ކުރިއަށްދާ ބައެއް ނޫން، އެންމެ މުހިއްމު ކަމަކީ ރޭންކިންގ އަށް ބެލުމެއްނެތި ވޯލްޑް ކަޕަށް ކޮލިފައިވުން." މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭރުގެ ކޯޗު، ހާވް ރެނާޑްގެ ބަދަލުގައި ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި އެ މަގާމާ ހަވާލުވި، މަންޗިނީ ބުންޏެވެ.

ކުރީގެ ކޯޗު، ރެނާޑުގެ އިރުޝާދުގެ ދަށުން، ސަޢުދީ އިން ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް 2-1 އިން ތާރީޚީ މޮޅެއް ހޯދާފައެވެ. އެއީ، އެ ފަހަރުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ އިން މުޅި މުބާރާތުގައި ވެސް ބަލިވި ހަމައެކަނި މެޗެވެ.

2023 ވަނަ އަހަރުގެ މާރިޗް މަހުގައި ރެނާޑް މަގާމުން އިސްތިއުފާ ދިނީ، ފްރާންސްގެ ވިމެންސް ޓީމާ ހަވާލުވުމަށްޓަކައެވެ.

މަންޗިނީ ބުނީ، މީގެ ތިން އަހަރުގެ ކުރީގެ ހާލަތާއި މިހާރުގެ ހާލަތު ތަފާތު ކަމަށެވެ. ފަހަރުގައި ކުޅުންތެރިން މިހާރު ގިނައިން ކުޅެފައި ހުރެދާނެ ކަމަށާއި، އޭރަށްވުރެ ޒުވާން ކުޅުންތެރިން މިހާރު ގިނަ ވެދާނެ ކަމަށް ވެސް މަންޗިނީ ފާހަގަކުރިއެވެ. އެހެންވިޔަސް މިހާރުގެ ހާލަތާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް މަންޗިނީ ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުތަކުގައި ސަޢުދީ ޕްރޯ ލީގު ވަރުގަދަކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބޮޑު މުސާރަ ދީފައި ދުނިޔޭގެ ފެންވަރުގެ ތަރިން ގެނެސްފައެވެ. މި ކުޅުންތެރިން އައުމާއެކު ކޮންމެ ކްލަބަކަށް ސަޢުދީ ނޫން 10 ކުޅުންތެރިއަކު ސޮއިކުރެވޭ އުޞޫލެއް އޮވެ، ލީގުގައި ކުޅޭ މެޗުތަކުގެ ފުރަތަމަ އެގާރައިގައި އޭގެތެރެއިން 8 ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް އޮތުމާއެކު އެ ގައުމުގެ ބައެއް ކުޅުންތެރިންނަށް އެއްވެސް ވަރަކަށް ކުޅުމުގެ ފުރުޞަތު ނުލިބޭކަން ފާހަގަކޮށް، މަންޗިނީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަހަރެމެންނަށް މިހާރު ދިމާވެފައިވާ ހަމައެކަނި މައްސަލަ އަކީ، މީގެ ތިން އަހަރު ކުރީން ކޮންމެ މެޗެއްގައި ސަޢުދީގެ ހުރިހާ ކުޅުންތެރިން ކުޅުން."

"އެކަމަކު، މިއަދު ގާތްގަނޑަކަށް 50 އާ 60 އިންސައްތަ ދެމެދުގެ ކުޅުންތެރިންނަށް މެޗެއް ކުޅުމުގެ ފުރުޞަތު ނުލިބޭ. މިއީ އަހަރެމެންނަށް ދިމާވެފައިވާ މައްސަލަ އަކީ." މަންޗިނީ ބުންޏެވެ.

ކޮލިފައިންގެ ތިންވަނަ ބުރުގައި ގްރޫޕް ސީ ގައި މިހާތަނަށް ކުޅުނު ތިން މެޗުން ސަޢުދީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ޖަޕާނާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސަޢުދީގެ އިތުރުން އޮސްޓްރޭލިއާ އާއި ބަހްރެއިން އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އޮސްޓްރޭލިއާ ދެވަނައިގައި އޮތީ ފައިދާގޯލްގެ ތަފާތުންނެވެ.

އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގަ ލިބެނީ އޭޝިއާގެ ކޮލިފައިންގެ ތިންވަނަ ބުރުގެ މެޗުތައް ކުޅެ ނިމޭއިރު ކޮންމެ ގްރޫޕެއްގެ އެންމެ ކުރިހޯދާ ދެ ޓީމަކަށެވެ. އެއަށްފަހު، ކޮންމެ ގްރޫޕެއްގެ ތިންވަނަ އާއި ހަތަރުވަނައިގައި ނިންމާ ޓީމަކަށް ކޮލިފައިވުމަށްޓަކައި އިތުރު ޕްރިލިމިނަރީ ބުރެއް ކުޅެން ޖެހޭނެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ސަޢުދީ އަށް ދެން އޮތީ މިރޭ އަމިއްލަ ދަނޑުގައި ބަހްރެއިންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 11:00 ގައެވެ.