ޚަބަރު

"މިސްކިތްތަކުގައި ހިންގާ ޤުރުއާން ކްލާސްތަކަށްދާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ"


  • ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ގާތުން ބަލާނެކަމަށް ވުޒާރާއިން ވިދާޅުވި

  • ޤުރުއާން ކްލާސް ހިންގުމަށް ހުއްދަ 32 ފަރާތަކަށް ދެއްވާފައިވޭ

  • 29 ތަނެއްގައި މިކިލާސް ހިންގުމަށް މިހާރު ތައްޔާރުވެފައިވޭ

''މިސްކިތު ޤާރީ ކިލާސް'' ތަކަށް ކިޔަވަންދާ ދަރިވަރުންގެ ރައްކާތެރިކަން ކައުންސިލްތަކާ ގުޅިގެން ވަރަށް ގާތުން ބަލާ ކަށަވަރު ކުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިހެން ވިދާޅުވީ މިސްކިތު ޤާރީ ކްލާސްގެ މަސައްކަތް ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އިބްރާހިމް އާސިމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ފަރާތްތައް ޤުރުއާން ކްލާސް ހިނގުމަށް ބޭނުންވެ އެކަމަށް އެ ވުޒާރާގައި އެދެމުން ދާކަމަށެވެ. އެހެންނަމަވެސް އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުމަކީ ކިޔަވައިދޭނެ ރަނގަޅު ތަނެއް ނުވަތަ ޖާގައެއް ނެތުންކަމަށް އާސިމް ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތް ފެށުމުގެ ބޭނުމަކީ ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދޭން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މި ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. އާސިމް ވިދާޅުވީ މި މަސައްކަތުން މިސްކިތް ބޭނުންކޮށްގެން ދަރިވަރުންނަށް ޤުރުއާން ކިޔަވައިދެވޭނެ ފަހިމަގެއް ގާއިމްވެގެން ދާނެކަމަށެވެ.

އިބްރާހިމް އާސިމް ވިދާޅުވީ، ކްލާސްތަކަށް ދާ ދަރިވަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

އެގޮތުން ކިޔަވައިދެއްވާ ފަރާތްތަކާއި އެ ރަށެއްގެ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށާއި، މި ޕްރޮގްރާމް ހިންގާ ރަށެއްގެ ކައުންސިލާއި އެ ވުޒާރާއިވެސް އެއްބަސްވުމެއް އެކުލަވާލެވޭނެކަމަށް އާސިމް ވިދާޅުވެއެވެ.

"ކިޔަވައިދެއްވާ ފަރާތްތަކާއި ކައުންސިލާ ގުޅިގެން ރައްކާތެރިތަނެއްކަން ކަށަވަރު ކުރާނެ. ކައުންސިލާއި ކިޔަވާ ދެއްވާ ފަރާތްތަކާއެކު ސޮއިކުރެވިގެންދާނެ. އަދި ކައުންސިލްތަކާ އެ ވުޒާރާއިންވެސް ވަނީ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކޮށްފައި." އާސިމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ނައިބް އިބްރާހިމް އާސިމް ވިދާޅުވީ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާ ފަރާތްތައް ޤުރުއާނާއި ބެހޭ މަރުކަޒުން މޮނިޓަރ ކުރަމުން ދާނެކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ކިޔަވައިދެއްވާ ހުރިހާ ފަރާތްތަކަކީވެސް ތަޢުލީމީ ގޮތުން ޤާބިލް މޮޅެތި ފަރާތްތަކެއް ކަމަށާއި، ޤުރުއާނާ ބެހޭ މަރުކަޒުން މަހަކު އެއްފަހަރު އެ ފަރާތްތަކާއި ބައްދަލުކުރާނެކަމަށްވެސް އާސިމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިސްކިތްތަކުގައި ޤުރުއާން ކްލާސް ހިންގުމުގެ ހުއްދަ 32 ފަރާތަކަށް ދެއްވާފައެވެ. އޭގެތެރޭގައި 23 ރަށަކާއި 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ. މީގެ ތެރެއިން 29 ތަނެއްގައި މި ކްލާސްތައް ހިންގުމަށް މިހާރު ތައްޔާރުވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.