ޚަބަރު

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން އާންމުކޮށްފި


  • ޓެކްސް ދެއްކުމަށް އެކި ފުރުސަތުތަކާއި ނޯޓިސްތައް ދިން

  • މިއީ އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ފަރާތްތައް

މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ޓޫރިޒަމް ދާއިރާއިން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ބުނީ ނަން އާންމުކުރި ފަރާތްތަކަކީ ދެވަނަ ކުއާޓަރާ ހަމައަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ފަރާތްތައްކަމަށެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާއިން އެ ކުންފުނިތަކުގެ ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތީގައެވެ. މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ގެސްޓުހައުސް އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ގެސްޓުޝޮޕު ފަދަ ތަންތަންވެސް ހިމެނެއެވެ.

މީރާއިން ވިދާޅުވީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްފައިވަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދިނުމަށް ފަހު ކަމަށެވެ.

އަދި އެ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް ދިންކަމަށާއި އެފަދަ އެއްބަސްވުމެއް ހަދައި، ފައިސާ ދައްކާނަމަ އެންފޯސްމަންޓުގެ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން ވެސް މީރާއިން ވަނީ ދީފައެވެ.

މީރާ އިން ވިދާޅުވީ ފާއިތުވި ތިން މަސް ތެރޭގައި ޖުމްލަ 44،390 އެސްއެމްއެސް، 22,761 ފޯނުކޯލް އަދި 30,550 ނޯޓިސް ޓެކްސް ދައްކާ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން 397 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބަހާލައިގެން ފައިސާ ދެއްކޭނެ ލުއިގޮތްތަށް ހަމަޖައްސައިދީފައި ވާނެ ކަމަށް ވެސް މީރާއިން ވިދާޅުވެއެވެ.