ޚަބަރު

ޖޮކޮވިޗް ބަލިކޮށް ސިނާ ޗެމްޕިއަންކަން ހޯދައިފި


ޗައިނާގައި ކުރިއަށްދިޔަ ޝަންހާއީ މާސްޓާސް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލް މެޗުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް އިޓަލީގެ ޔަނިކް ސިނާ ޗެމްޕިއަންކަން ހޯދައިފިއެވެ.

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސިނާ މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ކުރިން އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ހުރި ޖޮކޮވިޗް ސީދާ ދެ ސެޓުން ބަލި ކުރުމަށްފަހުގައެވެ. މި މެޗުގެ ސެޓުތައް ސިނާ ގެންގޮސްފައިވަނީ ހަތެއް ހައެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުންނެވެ.

ޖޮކޮވިޗް މި މުބާރާތުގެ ފައިނަލް މެޗަށް ނިކުމެފައިވަނީ އޭނާގެ ކެރިއަރުގައި 100 ވަނަ ސިންގަލްސް މުބާރާތް ކާމިޔާބުކުރުމަށެވެ. މީގެ ކުރިން 100 މުބާރާތް ނުވަތަ އެއަށްވުރެ ގިނައިން ސިންގަލްސް މުބާރާތް ކާމިޔާބުކޮށްފައިވަނީ 109 މުބާރާތް ކާމިޔާބުކޮށްފައިވާ ޖެމީ ކޮނޯސް އާއި، 103 މުބާރާތް ކާމިޔާބުކޮށްފައިވާ ސްވިޓްޒަލޭންޑުގެ ރޮޖާ ފެޑެރާއެވެ.

މި މުބާރާތް ކާމިޔާބުކުރުމާއެކު ސިނާ ވަނީ މި އަހަރު އޭނާ ކާމިޔާބުކުރި އޭޓީޕީ މުބާރާތްތަކުގެ އަދަދު ހަތަކަށް އަރުވާފައެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އޮސްޓްރޭލިއަން އޯޕަންގެ އިތުރުން ޔޫއެސް އޯޕަން ޓެނިސް މުބާރާތްވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ ތެރޭގައި ސިނާ ހޯދާފައިވާ ކާމިޔާބީއަށް ބިނާކޮށް ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި އަހަރު ނިންމާލުމުގެ ފުރުސަތު އޭނާއަށްވަނީ މިދިޔަ ހަފުތާގައި ލިބިފައެވެ.