މިހާރު ކުރިއަށްދާ ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އޮސްޓްރޭލިއާއިން އިންޑިއާގެ މައްޗަށް ކުރިހޯދީ ނުވަ ލަނޑުންނެވެ.
މި ފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާއިން ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނަ މަގާމު ކަށަވަރުވެފައިވާއިރު، މިވަގުތު ދެވަނައިގައި އޮތް އިންޑިއާއަށް ސެމީއަށް ދެވެން އޮތީ ތިންވަނައިގައި އޮތް ނިއު ޒީލަންޑް އަތުން ހަތަރުވަނައިގައި އޮތް ޕާކިސްތާން މޮޅުވެ، އެ ދެ ޓީމަށް ވުރެ ނެޓް ރަން ރޭޓުން ކުރިލިބިގެންނެވެ. އިންޑިއާ އާއި ނިއު ޒީލަންޑަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އިންޑިއާ ކުރީގައި އޮތީ ނެޓް ރަން ރޭޓުންނެވެ. ޕާކިސްތާނަށް ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ޔޫއޭއީގެ ޝާރްޖާގައި އިއްޔެ ކުޅުނު މެޗުގެ ގުރު ދިމާވުމުން އޮސްޓްރޭލިއާ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ވަނީ އަށް ވިކެޓަށް 151 ލަނޑު ހަދައިފައެވެ. އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް ކުޅުނު ގްރޭސް ހެރިސް 40 ލަނޑު ހެދިއިރު، ދެން އެންމެ ރަނގަޅަށް ކުޅުނު އޯލްރައުންޑަރ އެލީސް ޕެރީ ވަނީ 23 ބޯޅައިން 32 ލަނޑު ހަދައިފައެވެ. މީގެއިތުރުން އެ ޓީމުގެ ކެޕްޓަން ތާލިއާ މެގްރާވެސް ވަނީ 32 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އިންޑިއާއިން އެންމެ ރަނގަޅަށް އުކި ރޭނުކާ ސިންގް އާއި ދީޕްތީ ޝަރްމާ ވަނީ ކޮންމެ އުކުޅުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.
ޖަވާބުގައި އިންޑިއާ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. އިންޑިއާއިން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ހަރްމަންޕްރީތު ކޯރް އެވެ. އޭނާ ވަނީ ނުބައިނުވެ 47 ބޯޅައިން 54 ލަނޑު ހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ދީޕްތީ ޝަރްމާ ނުބައިވީ 29 ލަނޑު ހެދި ފަހުންނެވެ. އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް އުކި އަނަބެލް ސަދަލެންޑް އާއި ސޯފީ މޮލިނެއުކްސް ވަނީ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނަގާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޮސްޓްރޭލިއާގެ ސޯފީއެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ނިއު ޒީލެންޑް ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 7 ޖަހާއިރު އެވެ.