ޚަބަރު

ސްކޮޓްލަންޑާ އެއްވަރުކޮށް ޕޯޗުގަލް ކުއާޓާއާ ގާތަށް


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި ސްކޮޓްލަންޑާ އެއްވަރުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޕޯޗުގަލް ޖެހިލައިފިއެވެ.

މިއީ މި ފަހަރުގެ ނޭޝަންސް ލީގުގައި ޕޯޗުގަލް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލަންޖެހުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ސްކޮޓްލެންޑުން ބަލިނުވެ ފުރިހަމަކުރި ފުރަތަމަ މެޗެވެ. ވާދަވެރި މެޗުތަކުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅުވެފައެއްނުވެއެވެ.

މި ނަތީޖާއާއެކު ނޭޝަންސް ލީގުގެ ގްރޫޕް އޭ އެކެއްގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ކްރޮއޭޝިއާ އޮތްއިރު، ތިނެއްގައި އޮތް ޕޮލެންޑާ ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ސްކޮޓްލެންޑް އޮތީ ހަތަރު މެޗުން ލިބުނު އެއްޕޮއިންޓާއެކު ފުލުގައެވެ.

ގްލާސްގޯގައި ހުންނަ ހޭމްޕްޑެން ޕާކްގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗުގައި ޕޯޗުގަލްގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ސްކޮޓެލެންޑްގެ ގޯލްކީޕަރު، ކްރެއިގް ގޯޑަން ވަނީ ހުއްޓުވައިފައެވެ. އޭގެތެރޭގައި، ޕޯޗުގަލްގެ މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް ފޮނުވާލި ހަމަލާއެއް ހުއްޓުވުމަށްފަހު ދެވަނަ ފަހަރަށް އެ ބޯޅަ ރޮނާލްޑޯ އަށް ލިބުމުގެ ކުރީން ގޯޑަން ވަނީ ސަލާމަތްކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޕޯޗުގަލް އަށް ލަނޑެއްޖަހައިދޭން ރޮނާލްޑޯ އަށް ލިބުނު އެންމެ ރަނގަޅު އެއްފުރުޞަތުގައި ހުހަށްހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އަދި، އޭގެފަހުން، ބައިސިކަލް ކިކަކުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މެޗު ނިމެންދަނިކޮށް، ޕޯޗުގަލްގެ ވިންގް، ރަފައެލް ލެއާއޯ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ސްކޮޓްލެންޑްގެ ޑިފެންޑަރު، ނިކީ ޑެވްލިން ވަނީ ބްލޮކް ކޮށްފައެވެ.

ސްކޮޓްލެންޑަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗު ފެށިތާ ކުރީކޮޅު، އެ ޓީމުގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ބޮލުން ފޮނުވާލި ބޯޅަ އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވިއެވެ. އެހެންކަމުން އެ ބޯޅަ ފަސޭހަކަމާއެކު ޕޯޗުގަލްގެ ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި ސައިޕްރަސް އަތުން 0-3 އިން ކޮސޮވޯ ވަނީ މޮޅުވެފައެވެ. ލިތުއޭނީއާގެ ދަނޑުގައި 1-2 އިން ރުމޭނިއާ މޮޅުވިއިރު، ބެލާރުސްގެ ދަނޑުގައި 1-1 އިން ވަނީ ލަގްޒެމްބޯގްއާ އެއްވަރުވެފައެވެ. ނޯދަން އަޔާލެންޑުން ވަނީ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލްގޭރިއާ ބަލިކޮށްފައެވެ.