ޚަބަރު

ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕް: އިންގްލަންޑް ބަލިކޮށް ވެސްޓް އިންޑީޒް ސެމީއަށް


ޔޫއޭއީގައި މިހާރު ކުރިއަށްދާ ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ހަ ވިކެޓުން އިންގްލަންޑް ބަލިކޮށް، ސެމީ ފައިނަލަށް ވެސްޓް އިންޑީޒް ދަތުރުކޮށްފައެވެ.

މިއީ 2010 ވަނަ އަހަރުގެ ފަހުން މި މުބާރާތުގެ ގްރޫޕް ސްޓޭޖުން އިންގްލެންޑް ކެޓި ފުރަތަމަ ފަހަރެވެ. އަދި، މިއީ 2018 ވަނަ އަހަރުގެ ފަހުން އިންގްލެންޑް އަތުން ޓީ20 މެޗެއްގައި ވެސްޓް އިންޑީޒް މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ ގްރޫޕް ބީ ގެ އެންމެ ކުރީގައި އުޅޭ ތިން ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން، ސެމީ އަށް ދަތުރުކުރި ޓީމު ކަށަވަރުވީ ނެޓް ރަން ރޭޓުންނެވެ. އެގޮތުން، އެއްވަނަ ޓީމުގެ ގޮތުގައި ހަތަރު މެޗުން ހޯދީ ހަ ޕޮއިންޓާއެކު ވެސްޓް އިންޑީޒް ސެމީން ޖާގަ ހޯދިއިރު، ދެވަނައަށް ދިޔައީ ދެކުނު އެފްރިކާ އެވެ. އިންގްލެންޑަށް ތިންވަނަ ލިބުނުއިރު، ހަތަރެއްގައި އޮތް ބަންގްލަދޭޝް އަށް ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ. ފުލުގައި އޮވެ ނިންމާލި ސްކޮޓްލެންޑަށް ޕޮއިންޓެއްނުލިބެއެވެ.

ދުބާއީގައި ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ވެސްޓް އިންޑީޒުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންގްލެންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ވަނީ ހަތް ވިކެޓަށް 141 ލަނޑުހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 50 ބޯޅައިން 57 ލަނޑުހެދި އޯލްރައުންޑަރު، ނެޓް ސްކައިވާ-ބްރަންޓް އެވެ.

އިންގްލެންޑަށް ބެޓްކުރުމުގައި މައްސަލަ ކުރިމަތިވީ، ބެޓްކުރަމުންދަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އެ ޓީމުގެ ކެޕްޓަން، ހެދާ ނައިޓް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. އޭނާ އަށް އަނިޔާވިއިރު، ވަނީ 13 ބޯޅައިން 21 ލަނޑުހަދައިފައެވެ. ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް އުކީ އަފީ ފްލެޗާ ތިން ވިކެޓްނެގިއިރު، އެ ޓީމުގެ ކެޕްޓަން، ހޭލީ މެތިއުސް ވަނީ ދެ ވިކެޓްނަގައިފައެވެ.

ޖަވާބުގައި ކުޅެން އަރައި، 18 އޯވަރުގެ ތެރޭގައި ވެސްޓް އިންޑީޒުން މޮޅުވެގެން ފޭބީ ހަތަރު ކުޅުންތެރިން ނުބައިވެގެން 144 ލަނޑުހަދައިގެންނެވެ. ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް ކުޅުނީ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ކިއާނާ ޖޯސެފް އާއި ކެޕްޓަން، ހޭލީ މެތިއުސް އެވެ. މި ދެ ކުޅުންތެރިން ވެސް ބައިސައްތަ ހެދިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޑިއަންޑްރާ ޑޮޓިން ވަނީ 19 ބޯޅައިން 27 ލަނޑުހަދައިފައެވެ. މި އިނިންގްސްގައި އިންގްލެންޑްގެ ނެޓް ސްކައިވާ-ބްރަންޓް، ސޯފީ އެކްލެސްޓޯން އާއި ސާރާ ގްލެން ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީގައި ބުރާސްފަތި ދުވަހު އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާ ނިކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ވެސްޓް އިންޑީޒް ބައްދަލުކުރާނީ ނިއު ޒީލެންޑާ އެވެ.