ޚަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 689 ގޯތި ހުޅުމާލެއިން ހަވާލުކޮށްފި


  • ހުޅުމާލެއިން 1351 ގޯތި ދޫކުރޭ

  • މިވަގުތު ގޯތި ދޫކުރަނީ ފޭސް 2 ސަރަޙައްދުން

  • ގޯތި ދޫކުރާ ބިންތައް ސާފުކޮށް، މައްސަލަތައް ދަނީ ޙައްލުކުރަމުން

ބިންވެރިޔާ ސްކީމްގެދަށުން މިހާތަނަށް ހުޅުމާލެއިން 689 ގޯތި ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބިމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގައި 9،000 އަށްވުރެ ގިނަ ގޯތި މާލެ ސަރަޙައްދުން ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި އަދި ގިރާވަރު ފަޅުން 5،432 ގޯއްޗެވެ. ނަމަވެސް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1،096 ގޯތި، ސަރުކާރުން މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްދީފައެވެ.

ގެދޮރުވެރިކަމާ ބިމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށެވެ. ބިންތައް ދޫކުރަމުންދަނީ، އެ ސަރަޙައްދުތައް ސާފުކޮށް އަދި ހުރި އެކިކަހަލަ މައްސަލަތައް ޙައްލުކުރުމަށް ފަހުގައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ބިންވެރިޔާ ސްކީމްގައި ހުޅުމާލެއިން ދޫކުރުމަށް ކަނޑައަޅާފައިވާ 1،351 ގޯތިގެތެރެއިން މިހާތަނަށް 6،89 ބިން އޭގެ ޙައްގުވެރިންނާ ހަވާލުކޮށްފައިވާކަމަށެވެ. އިއްޔެވެސް ވަނީ ބިން ލިބުނު 9 މީހަކަށް، އިން ވަކިކޮށް ގޯތި ހަވާލުކޮށްފައެވެ.


ހުޅުމާލޭގައި މިވަގުތު ބިން ދޫކުރަނީ ފޭސް 2 އިން ހިއްކާފައިވާ ސަރަޙައްދުންނެވެ. އަދި ފޭސް 3 ގެ ގޮތުގައި ހިއްކަމުންދާ ބިމުންވެސް، އެ މަސައްކަތް ނިމުން ގޯތި ދޫކުރާނެއެވެ.

ނިމުނު ސަރުކާރުގައި ގޯތި ހަވާލުކުރުމުގެ މަސައްކަތް ނިންމާނެކަމަށް ބުނި ނަމަވެސް، ސަރުކާރު ނިމުނުއިރު ހުޅުމާލެއިން ހަވާލުކޮށްފައި އޮތީ 11 ބިންކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވެއެވެ.

ހުޅުމާލެއިން ގޯތި ދިނުމުގައި ބޮޑެތި މައްސަލަތައް ހުރިކަމަށް އެޗްޑީސީންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ބިން ދިނުމުގައި އާއްމު ޚިދުމަތްތަކަށް ބޭނުންވާ ބިންތައް ކަނޑަނޭޅުމާއި މަގުތަކަށް އަރާގޮތަށް އަދި ޔުޓިލިޓީ ޚިދުމަތްތަކުގައި ބޭނުންކުރާ މަތި ނެޓްވޯކްތަކަށް އަރާގޮތަށް ބިން ދޫކުރަން ކަޑައަޅާފައި ހުރުން ހިމެނެއެވެ. މި މައްސަލަތައް ޙައްލުކޮށް، ބިން ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީއާއި ކަމާގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.

މީގެއިތުރުން ގުޅިފަޅާ ގިރާވަރުފަޅުން ގޮތި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.