ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފުކުރަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024 ގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ފަރުވާ ހޯދުމަށް ހުރި ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފަށާ މިއިންޝުއަރެންސް ސްކީމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީ ކުރިއަށްދިޔުމަށް ހިތްވަރު ދިނުމަކީ މިސަރުކާރުން މުހިންމު އިސްކަމެއްދައްވާކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުޅުންތެރިންނަށް މުބާރާތްތަކުގައި ލިބޭ އަނިޔާތަކަށް އަވަސް ފަރުވާ ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްވެސް މިސަރުކާރުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ޤާއިމް ކޮށްފައި." ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ގައުމީ އަދި ބައިނަލްއަޤުވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ސިއްޙީ ޚިދުމަތްދޭ މެޑިކަލް ފެސިލިޓީ ތަޢާރަފްކުރެވި އެތަނުގެ ޚިދުމަތް މިހާރު ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނަށް ލިބެމުން އަންނަކަން ކުޅިވަރާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޤައުމީ ފެންވަރުގައި ކުރިއަށްގެންދަން ކަނޑަ އަޅާ މޯލްޑިވްސް ޕްރެޒިޑެންޝިއަލް ނެޝަނަލް ފިޓްނަސް ޕްރޮގްރާމް ފެށުމާ ގުޅޭ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީއާއެކު މިހާރު ފަށާފައިވާ ކަމަށްވެސް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފާހަގަކުރެއްވިއެވެ.