ބޫޓާން ޓީ20 ކުއަޑްރަންގިއުލާ އިންޓަނޭޝަނަލް ސީރީސްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ ބަލިކޮށްފިއެވެ.
ބޫޓާންގެ ފުރަތަމަ ކްރިކެޓް ދަނޑު ހުޅުވުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި އެ ގައުމުގެ އިތުރުން ދެން ވާދަކުރަނީ ރާއްޖެ އާއި، އިންޑޮނޭޝިއާ އަދި ތައިލެންޑެވެ. މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވީ ޑީއެލްއެސް މެތަޑުން 23 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން އިންޑޮނޭޝިއާ އެންމެ ފުރަތަމަ ކުޅެން އަރައި 19.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ލަނޑު ޖެދި ޖުލަން ޒުލްފިކަރް އާއި 23 ލަނޑު އެއްކުރި އަޙްމަދު ރަމަދޯނީއެވެ. މި އިނިންގްސްގައި ރާއްޖޭގެ ޝުނާން އަލީ ހަތަރު ވިކެޓް ނެގިއިރު، ލީމް ޝަފީގް ވަނީ ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި ކުޅެން އަރައި 12 އޯވަރު ހަމަވިއިރު ރާއްޖެއިން ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 75 ލަނޑު ހަދާފައެވެ. އެކަމަކު ވާރޭގެ ސަބަބުން މެޗު އިތުރަށް ކުރިއަށް ނުގެންދެވުމާއެކު އަމްޕަޔަރުން ވަނީ ޑީއެލްއެސް މެތަޑުން ރާއްޖެ މޮޅުވީ ކަމަށް ނިންމާފައެވެ. މި އިނިންގްސްގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 29 ބޯޅައިން 36 ލަނޑު ހެދި އިބްރާހީމް ޝައުފް ހަސަނެވެ.
މި މެޗުން ރާއްޖެ މޮޅުވިއިރު، މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހެނދުނު ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ތައިލެންޑާއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗު ބުދަ ދުވަހު ކުޅޭއިރު، ތިން ވަނަ ހޮވާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިަފއިވަނީ އަންނަ ހުކުރު ދުވަހެވެ.