ޚަބަރު

ރެއާލް މެޑްރިޑަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއަކަށް މޮޑްރިޗް


ސްޕެއިންގެ ރެއާލް މެޑްރިޑްގެ ދިގު ތާރީޚުގައި އެ ކުލަބަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއަކަށް ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ވެއްޖެއެވެ.

ސްޕެނިޝް ލީގުގައި ރޭ ސެލްޓަވީގޯ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ލޫކާ މޮޑްރިޗް ކުޅެފައިވާއިރު އޭނާގެ އުމުރަކީ 39 އަހަރެވެ.

ސެލްޓަވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު މި ނަތީޖާއާއިއެކު އެއްވަނައިގައި އޮތް ބާސެލޯނާއާއި އެ ޓީމަށް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. ރެއާލް މެޑްރިޑަށް 10 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާއަށް 24 ޕޮއިންޓް ލިބިފައިވަނީ 9 މެޗު ކުޅެގެންނެވެ.

މި މެޗުގެ 20 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އޭރިޔާ ބޭރުން ވަރަށް ބާރަށް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އެމްބާޕޭ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ސެލްޓަވީގޯގެ ވިލިއޮޓް ސްވެޑްބަރގް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ރެއާލް މެޑްރިޑަށް މި މެޗުން މޮޅުވި ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާ އެވެ. މި ލަނޑު ޖެހުމަށް އޭނާއަށް މަގު ތަނަވަސް ކޮށްދީފައިވަނީ ލޫކާ މޮޑްރިޗް އެވެ.