ގައުމީ ބަޑިޖެހުމުގެ މުބާރާތަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ތައްޔާރުވަމުން އަންނައިރު ހުރިހާ އެތުލީޓުންނަށް ބޭނުންވާ ވަރަށް ފުރުސަތު ނުދެވޭ ކަމަށާއި، އެއީ މި ވަގުތު ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށް ހިންގާ ކޮމިޓީގެ މެންބަރު އިސްމާޢީލް ޝަފީގު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝަފީގު ވިދާޅުވީ މި ވަގުތު ޖާގަ އޮތް މިންވަރަށް ބަލާއިރު ގަޑިއިރަކަށް ޖާގަ ދެވެނީ އަށް އެތުލީޓުންނަށް ކަމަށެވެ. އެގޮތުން ހެދުނު އަށެއް ޖަހާއިރު ތަމްރީން ފަށައިގެން، ރޭގަނޑު 11 އާ ހަމައަށް ގަޑިއިރަކު އަށް ކުދިންނަށް ފުރުސަތުދެވުމަކީ އެންމެ ބޭނުންވާ ގޮތް ނޫން ކަމަށްވެސް ޝަފީގު ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވީ ދިވެހިންނަކީ ތޫނުފިލި ހުނަރުވެރި ބައެއް ކަމަށާއި، އެކަން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ހޯދަމުންދާ ނަތީޖާތަކުން ސާބިތުވާ ކަމަށެވެ. އެގޮތުން ޝޫޓިންގައި 2014 ވަނަ އަހަރު ކޮންމެވެލްތު ގޭމްސްގައި ފައިނަލަށް ދަތުރިކަން ޝަފީގް ވަނީ ފާހަގަކުރައްވާފައެވެ.
"ތަފާތު އެކި މުބާރާތްތަކުގައި ދުނިޔޭގެ އެންމެ ރަނގަޅު މީހުންނާ އެއް ލެވެލަށް ސްކޯ ކޮށްފައި އެބަހުރި. ހުނަރުގެ ގޮތުން ބަލާއިރު ވަރަށް ހުނަރުވެރި ކުދިން އެބަތިބި އަޅުގަނޑުމެންގެ. ފުރިހަމަ ރޭންޖެއް ލިބިޖިއްޔާ މިހާރަށްވުރެ މައްޗަށް ސްކިލް ޖެއްސޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ." ޝަފީގު ވިދާޅުވިއެވެ.
ހިންގާ ކޮމިޓީގެ މެންބަރު ހަސަން އަބްދުލްޣަފޫރު ވިދާޅުވީ އެންމެ ފަހުން ޝޫޓިންގައި ބޭއްވިގެންދިޔައީ އެލީޓް މުބާރާތެއް ކަމަށާއި، އެއީ ސްކޫލް މަދުރުސާ ކުދިންނަށް ބޭއްވި ތަމްރީނެއްގެ ތެރެއިން ކުރިއަށްދިޔަ މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތުގެ ތެރެއިންވެސް ގައުމީ ދިފާއީ ބާރުގައި ހަރަކާތްތެރިވާ ޝޫޓަރުން، އެ ބޭފުޅުން ތަޖުރިބާވެސް ހިއްސާކުރުމުގެ ފުރުސަތު ދެވުނުކަން ހަސަން ވަނީ ފާހަގަކުރައްވާފައެވެ.
"މި ފަހަރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު، އޭގެ ތެރެއިންވެސް 90 ޕަސެންޓު ކުދިން ބައިވެރިވެފައިވަނީ. މީގެ ތެރެއިން ހުރިހާ ކުދިންނަކީ މެޑެލް ލިބޭނެ ކުދިންނެއް ނޫން. މި ކަމުންވެސް ދައްކައިދެނީ، އެހެންނަމެވެސް އެކުދިންވެސް ހަމަ ރެޑީއޭ މި ފަހަރު ވާދަކޮށްލަން." ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މުބާރާތްތައް ތައްޔާރުވުމުގެ ގޮތުން ހަމައެކަނި ތަމްރީންތަކުގައި ކުރިއަށްދާނީ ބަޑިޖެހުމުގެ ކުލާސް އެކަނި ނޫން ކަމަށާއި، ނަފްސާނީ ގޮތުން ބަޑިޖެހުމަށް އެތުލީޓުން ތައްޔާރުކުރުމުގެ ޚާއްސަ ކުލާސްތަކެއްވެސް ކުރިއަށްދާނެ ކަމަށެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބަޑިޖެހުމުގެ މުބާރާތުގައި 30 އިވެންޓެއް ކުރިއަށްދާނެ ކަމަށް ޝޫޓިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީ ހިމެނޭ ގޮތަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފަވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ދުވަހު ޒުވާނުންގެ މަރުކަޒުގައެވެ.