ޓީ20 ކުއަޑްރަންގިއުލާ އިންޓަނޭޝަނަލް ސީރީސްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ދެވަނަ މެޗުގައި ބޫޓާން އަތުން ބަލިވެއްޖެއެވެ.
ބޫޓާންގެ ފުރަތަމަ ކްރިކެޓް ދަނޑު ހުޅުވުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި އެ ގައުމުގެ އިތުރުން ދެން ވާދަކުރަނީ ރާއްޖެ އާއި، އިންޑޮނޭޝިއާ އަދި ތައިލެންޑެވެ. މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ ބޫޓާން އަތުން ހަތަރު ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ބޫޓާނުން ނިންމީ ހޮވުމަށެވެ. އެއާއެކު ރާއްޖެ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 112 ލަނޑެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 55 ބޯޅައިން 58 ލަނޑު ހެދި ޓީމުގެ ކެޕްޓަން އަޒްޔާން ފަރުހަތެވެ. އަދި މުޙައްމަދު އައްޒާމް ވަނީ 26 ބޯޅައިން 25 ލަނޑު އެއްކޮށްފައެވެ.
ޖަވާބުގައި ކުޅެން އަރައި ބޫޓާނުން ވަނީ 18 އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން 113 ލަނޑު ހަދައި، މެޗުން މޮޅުވެފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 34 ބޯޅައިން 49 ލަނޑު ހެދި ކެޕްޓަން ތިންކޭ ޖަމްޓްޝޯއެވެ. އަދި އެ ޓީމުގެ ސުޕްރީތު ޕްރަދާން ވަނީ 21 ބޯޅައިން 25 ލަނޑު އެއްކޮށްފައެވެ. މި އިނިންގްސްގައި ރާއްޖޭގެ އިބްރާހީމް ރިޒާން ވަނީ ތިން ވިކެޓް ނަގާފައެވެ.
މި މެޗުން ރާއްޖެ ބަލިވި ނަމަވެސް، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ 23 ލަނޑުން އިންޑޮނޭޝިއާ ބަލިކޮށްފައެވެ. މި މުބާރާތުގެ ތިންވަނަ މެޗުގައި އަންގާރަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ތައިލެންޑާއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗު ބުދަ ދުވަހު ކުޅޭއިރު، ތިން ވަނަ ހޮވާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިަފއިވަނީ އަންނަ ހުކުރު ދުވަހެވެ.