ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ދެ ލަނޑާއެކު 5-1 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ ކުރީގައި ބާސެލޯނާއިން މަގާމު ދަމަހައްޓައިފިއެވެ.
މި މެޗުން މޮޅުވުމާއެކު ބާސެލޯނާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 10 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. މި ސީޒަނުގައި ބާސެލޯނާއިން ވަނީ ލީގުގައި ކުޅުނު 10 މެޗުން 33 ގޯލު ޖަހާފަ އެވެ.
ބާސެލޯނާގެ އޮލިމްޕިކް ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި 47 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 24 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޕެޑްރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ބާސެލޯނާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 39 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލެވަންޑޯސްކީ އެވެ. މިއީ އުމުރުން 36 އަހަރު ލެވަންޑޯސްކީ މި ސީޒަނުގައި ކުޅުނު 12 މެޗުގައި ޖެހި 14 ވަނަ ގޯލެވެ. އަދި އެންމެ ފަހުން ކުޅުނު ހަ މެޗުގައި ޖެހި 10 ވަނަ ގޯލެވެ.
ބާސެލޯނާ އިން މި މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު 3-0 ގެ ލީޑެއް ހޯދާފައިވާއިރު, ދެވަނަ ހާފްގައި އެ ޓީމުގެ ޕަބްލޯ ޓޯރޭ ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި ސެވިއްޔާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިޑުމްބޯ އެވެ.
އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ބާސެލޯނާ ކުޅުމަށްފަހު ހޮނިހިރު ދުވަހު ނިކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.