ޚަބަރު

ފަހަތުން އަރައި ލެގަނޭސް ބަލިކޮށް އެތުލެޓިކޯއިން ރިކޯޑު ދަމަހައްޓައިފި


ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފަހަތުން އަރައި 1-3 ގެ ނަތީޖާއަކުން ލެގަނޭސް ބަލިކޮށް، ކޯޗު ޑިއޭގޯ ސިމިއޯނީގެ އެތުލެޓިކޯ މެޑްރިޑުން މެޗަކުން ބަލިނުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ.

މި ފަހަރުގެ ސީޒަނުގެ ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން 10 މެޗު ކުޅެފައިވާއިރު، މެޗަކުން ބަލިނުވުމުގެ ރިކޯޑް އޮތީ އެންމެ ކުރީގައި އުޅޭ ތިން ޓީމު އަތުގައެވެ. އެއީ، ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އެތުލެޓިކޯ އެވެ.

ބާސެލޯނާ އެއްވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ވާދަވެރި ރެއާލް އޮތްއިރު، ތިނެއްގައި އޮތް އެތުލެޓިކޯ އަށް 10 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ވިޔަރެއާލަށް 10 މެޗުން ލިބުނު 18 ޕޮއިންޓާއެކު އޮތީ ހަތަރުވަނައިގައެވެ.

މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ލެގަނޭސް އިންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެމަރޫންގެ މިޑްފީލްޑަރު، ޔްވާން ނެޔޫ އެވެ. މި ގޯލާއެކު ލެގަނޭސް އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

އެތުލެޓިކޯ އިން އެއްވަރުކުރި ލަނޑު، 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނޯވޭ ފޯވާޑް، އަލެކްސެންޑާ ސޯލޯތު އެވެ. އެ ޓީމުގެ މިޑްފީލްޑަރު، އެކްސެލް ވިޓްސެލް ނަގައިދިން ހުރަހަކުން އޭނާ މި ލަނޑުޖެހީ ބެކްހީލް އަކުންނެވެ. އޭގެފަހުން، މެޗުގެ 80 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ފުރަތަމަ ފަހަރަށް ލީޑްނެގީ އެންޓޮއިން ގްރީޒްމަން ވައްދާލި ލަނޑުންނެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި އެތުލެޓިކޯ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުޖެހީ ވެސް ސޯލޯތު އެވެ.

ލީގުގައި އެތުލެޓިކޯ އަށް ދެން އޮތީ އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.