ޚަބަރު

ރާއްޖޭގެ އަންހެން ޓީމު ކޮޅަށް ނޭޕާލުން 11 ލަނޑު ޖަހައިފި


މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް 11 ލަނޑު ޖަހައިފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ 2021 ވަނަ އަހަރު އޭޝިއާގެ އަންހެން މުބާރާތުގެ ކޮލިފައިންގައި ވިއެޓްނާމް އަތުން 16-0 ގެ ނަތީޖާއަކުން ބަލިވި ފަހުން، ރާއްޖެއިން އެންމެ ފަރަގު ބޮޑުކޮށް ބަލިވި މެޗެވެ. އެކަމަކު މީގެ ކުރިން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

ކަތަމަންޑޫގެ ދަޝްރަތު ރަންގްސަލާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ނޭޕާލުން ހަތަރު ލަނޑު ޖެހިއިރު، އަނެއް އަށް ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މި މެޗުގައި ނޭޕާލުގެ ރޭކާ ޕައުދާލް ވަނީ ފަސް ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ ޕްރިތީ ރާއި ހެޓްރިކެއް ހެދިއިރު، ދެން ލަނޑުތައް ޖަހައިދިނީ ސަބީތާ މަގަރާއި، އަނީތާ ކޭސީ އަދި އަމީޝާ ކާކީއެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ހަތް ގައުމު ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، ގުރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ބަންގްލަދޭޝް އާއި، އިންޑިއާ އަދި ޕާކިސްތާނެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި، ލަންކާ އާއި، ބޫޓާން އަދި ރާއްޖެއެވެ.

ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ސެމީއަށް ކޮލިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭގެ އެއްވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި މުބާރާތުގެ ދެވަނަ ސެމީގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެވަނަ ޓީމެވެ.

މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު، ފުރަތަމަ މެޗުގައި ވަނީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލާއި ދެވަނައިގައި އޮތް ބޫޓާނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ލަންކާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރާއްޖެއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެއާއެކު ރާއްޖެއަށް ބާކީ މެޗެއް އޮއްވައި ވަނީ މުބާރާތުން ކަޓާފައެވެ.

މި މުބާރާތުގެ ގުރޫޕް ފިޔަވަހީގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ބުޓާނާ ދެކޮޅަށެވެ.